ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކައި އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 30. މާއްދު އަދުނާންއެވެ.
ޒިގްޒެގުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 14، ހުސެއިން މުޙައްމަދެވެ. ޒިގްޒެގް މެޗުން މޮޅުވި ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 31، އަބްދުﷲ ޔާމީންއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ސްކައީގެ ޖޯޒީ ނަމްބަރު 7، އިބްރާހީމް ސިރާޖެވެ.
ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް
މި ނަތީޖާއާއިއެކު ގްރޫޕް ބުރުގައި ޒިގްޒެގް އަދި ސްކައި ވެސް ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު، ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ޒިގްޒެގެވެ. ދެވަނާގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ކޮރަލްސް އޮތްއިރު، ޒިގްޒެގަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މި މުބާރާތުގެ ގްރޫޕް ބުރުގެ ފަހު މެޗުގައި މާދަމާ ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށި އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރާއިރު މި މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމުގެ ފުރުޞަތު ކޮރަލްސްއަށް އެބައޮތެވެ. ކުޅުނު ތިން މެޗުން 3 ޕޮއިންޓް ލިބިފައިވާ ކެޑަށް ސެމީން ޖާގަ ލިބެން އަންނަނީ ތަފާތު ބޮޑު ނަތީޖާއިން ކޮރަލްސް ބަލިކޮށްގެންނެވެ. ނަމަވެސް މިހާތަނަށް މުބާރާތުގައި މި ދެ ޓީމް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ކޮރަލްސް އަތުން ކެޑް މޮޅުވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ކެޑަށް ނަތީޖާ ނުނެރެވިއްޖެނަމަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކޮރަލްސްއަށް ލިބިގެންދާއިރު، ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަނީ ޒިގްޒެގެވެ. ތިންވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަނީ ސްކައިއެވެ.
މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީގައި އުފެދުނު ވަރަށް މޮޅު ފުޓްބޯޅަ ސަހުސިއްޔަތެއް ކަމަށްވާ އިބްރާހީމް މުޙައްމަދެވެ. އިބްރާހީމް މުޙައްމަދު 1973 ވަނަ އަހަރު ހދ.އަތޮޅު ކުލަބާއިއެކު މާލެ މުބާރާތް ކުޅެފައި ވެއެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރަށުގައި ހުއްޓާ މާލޭ ޓީމަށް ކުޅުމުގެ ފުރުޞަތު އިބްރާހީމް މުޙައްމަދަށް ލިބިފައިވެއެވެ. އިބްރާހީމް މުޙައްމަދު ވަނީ މަރްހޫމް އާދަމް އިސްމާއިލްގެ ލަފާފުޅުގެ މަތީން އެ ފުރުޞަތުގެ ބޭނުން ހިފާފައެވެ. މާލެ ބަދަލުވެ ޓެނިސް ކުލަބާއި ގުޅި މުބާރާތްތައް ކުޅެ ތަށި ވަނީ ކާމިޔާބު ކޮށްފައެވެ. މާލެ ބަދަލުވެ ލަޔަން ސްޕޯޓްސް ކުލަބަށާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ފުޓްބޯޅަ ކުޅެފައި ވެއެވެ. އިނގިރޭސި ރާނީ މާލެ ވަޑައިގެންނެވި ދުވަހު މަނަވަރު ޓީމާއި ދެކޮޅަށް ރާއްޖޭގައި ކުޅުނު ފުޓްބޯޅަ މެޗުގައި ވެސް އިބްރާހީމް މުޙައްމަދު ވަނީ ކުޅެފައެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!