ރައްޔިތުންނާ ގުޅުން ހުރި ހަރަކާތްތަކަށް ހުޅުމާލޭގައި ކޮމިއުނިޓީ ހަބެއް ގާއިމުކުރަން ނިންމައިފިއެވެ.

ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މި ކޮމިއުނިޓީ ހަބް ގާއިމް ކުރުމަށް ސޮއި ކޮށްފައިވަނީ އަލޯހާ ކްލަބާއެކުގައެވެ.

Ad
rt

މި ހަބުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ބީޗް ސަރަހައްދުގައި ގާއިމު ކުރާ މި ހަބަކީ 406.23 އަކަ ފޫޓުގެ ބިމެއްގައި އިމާރާތް ކުރާ ހަބެކެވެ. މިތަނުގައި ރައްޔިތުންނާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން މޫދުގެ ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުވުމަށް ލައިފް ސްކިލް ޕްރޮގްރާމްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން ތިމާވެއްޓަށް ގެއްލުންވާ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ޒުވާނުން އަދި ކުޑަކުދިންނަކީ ތިމާވެއްޓަށް ލޯބި ޖެހިފައި ތިބި ބަޔަކަށް ހެދުމަށް ވެސް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.