ކޮރަޕްޝަނާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ މުޅި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނަ ކަމަށެވެ. އަދި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަންޖެހޭ ކަމަށެވެ.

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމަޢުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

''ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މުޅި މުޖްތަމަޢާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހެއެވެ.'' ރައީސް ވިދާޅުވެފައިވެއެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަށް ނުރުހެން: ރައީސް

ރައީސް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެ ކަމަށެވެ. އެއީ ޤައުމީ މައްސަލައެއް ކަމަށް ދެކި، ޤައުމީ ފެންވަރުގައި މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ. އަދި ސްކޫލް މާޙައުލުގެ ތެރެއިން އަލަށް އުފެދެމުން އަންނަ ޒުވާން ޖީލުތައް، ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫޙު އާލާކޮށްގެން ކަމަށެވެ.

''އަޅުގަނޑުމެން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، ޢާއިލާއާއި މުޖްތަމަޢުގައިވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.'' ރައީސް ވިދާޅުވެފައިވެއެވެ.