އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ގޮވައިލާ ދީން ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ، ރަހުމް ކުރުމަށް އިސްލާމް ދީން ގޮވައިލާ ކަމަށް މިއަދުގެ ހުހުރު ހުތުބާ ގައި ހަނދާން ކޮށްދީފި އެވެ.
"އިސްލާމް ދީނަކީ އެކުވެރިކަމުގެ ދީން" މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި ބުނީ ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެ ނަމަ، އެހީތެރިވުމަށާއި ހައްގުތައް ރައްކާތެރިކުރުމަށް ވެސް އިސްލާމް ދީން ގޮވައިލާ ކަމަށެވެ. އަދި މުދަލާއި އަނބުރަށް ރައްކާތެރިވުމަށާއި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހި ކުރުމަށް ވެސް އިސްލާމް ދީން އަމުރުކުރާ ކަމަށެވެ.
މީގެ އިތުރުން މި އުންމަތުގެ ކޮންމެ ފަރުދަކު ވެސް އޭނާގެ ދުލާއި އަތް، އެހެންމީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރި ކުރުމަށް ވެސް އިސްލާމް ދީން ގޮވައިލާ ކަމަށް ވަނީ ބުނެފަ އެވެ.
" މުސްލިމުން އުޅެންވީ ގޮތާއި އެއުރެންގެ މެދުގައި މުއާމަލާތް ކުރަންވީ ރީތި ގޮތްތައް މާތްﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފަ. އެގޮތްތަކުގައި ހިފެހެއްޓުމުން ލާބައާއި މަންފާ ހުރީ އެއުރެންނަށް. އެގޮތް ދޫކޮށްލައި ދުރަށް ދިއުމުން އެކަމުގެ ގެއްލުމާ ހަލާކު ހުރީވެސް ހަމަ އެއުރެންނަށް." ހުތުބާގައި ބުނެފައި ވެއެވެ.
އެހެންކަމުން މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމަކީ މުޖުތަމައު ބައިބައިވާނެ ކަމެއް ކަމަށާއި ނަފްރަތުވެ، އެކުވެރިކަމުގެ ގުޅުން ކެނޑޭ ކަމެއްކަން ވެސް ހަނދާން ކޮށްދީފައި ވެއެވެ. އަދި އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެކަމުގެ ގެއްލުން މުޅީ މުޖަމައަށް ފޯރާނެކަން ވެސް ހަނދާން ކޮށްދީފައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ކޮންމެ މީހަކީ ވެސް އެހެންމީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި އެހެންވެ، މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެންމީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އެފަދަ ވަގުތުތަކުގައި އެމީހުންނަށް އަޅާލުމަކީ ވާޖިބެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!