ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށް ވެސް ނޭދޭކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން ފެށިގެން، ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް، މި ކަމުގައި އިތުރަށް ކުރަން ހުރި ކިތަންމެ ކަންތައްތަކެއް އަދިވެސް ހުރިކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައިއެވެ.
ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުން ކަމަށާއި، އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުން ކަމަށް ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
''ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށްވެސް އަޅުގަނޑުމެން ނުރުހެމެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް މިއަންނަނީ އިރުޝާދު ދެމުންނެވެ.'' ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ވެބް ޕޯޓަލްއެއް ޤާއިމުކޮށް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ޤާނޫނީ ޙިމާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންދާ ކަމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް، ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނަގަނެވޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިނިވަންކަމާއެކު އެފަދަ މައްސަލަތައް ތަޙުޤީޤުކުރާ ކަމުގެ ޔަޤީންކަން އޮތުމުން، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!