ދިވެހި ފުލުހުންގެ ހިދުމަތުގެ ޑޯގް ސްކޮޑަށް އެންމެފަހުން ގެނައި ކުއްތާތައް އޮޕަރޭޝަންގައި ބޭނުން ކުރަން ފަށައިފި އެވެ.

އެ އިދާރާ އިން ވިދާޅުވީ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމަށާއި މިއީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށެވެ.

Ad
rt

މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށާއި މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި މި ކުއްތާތައް، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ނޮވެމްބަރ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުންގެ ހިދުމަތުން ވިދާޅުވި އެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައި ވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކުރަމުންގެންދެ އެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާ އެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައި ވެއެވެ.