ނަފްސާނީ ވޭންތައް ތަހައްމަލުކުރަމުންދާ މީހުންނާއި ކުދިން އަދި ޒުވާނުން ރާއްޖޭގައި ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ވޭނުގައި އުޅޭ މީހުންނާއި ކުދިންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

ރައީސް ވިދާޅުވީ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ މިކަމަށް އަޅައިނުލެވި، މެދުވެރިވެފައި އޮތް މައްސަލަތައް ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން ކުޑަވުން ފާހަގަކުރެއްވި އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާ، ވަރަށް ގިނަ ކަންތައް އަޅުގަނޑުމެންގެ ތެރޭގައި ހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެއީ ހައްލުކުރަންޖެހި، އެކަމަކު ހައްލުނުކުރެވި ހުރި ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކެއްކަން ފާހަގަކުރައްވާފަ އެވެ.

" މާލޭގައި ހުރި މައްސަލަތައް ތަފާތުވެދާނެ. ރަށްރަށުގައި ހުރި މައްސަލަތައް ތަފާތުވެދާނެ. މާލެއަށް ބަލާއިރުގައި، ތޮއްޖެހިގެން އުޅެންޖެހުން، އެއީ ބޮޑު މައްސަލައަކަށް ވެދާނެ. އަރާމުކޮށްލަން، ކުޅެލަން ނުކުންނާނެ ތަނެއް ނެތުން، އެއީ މީހާގެ ދިރިއުޅުމަށް، ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންތައްތައް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކާ ދެކޮޅަށް އަޅަން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، އެފަދަ ބަލީގައި އުޅޭ މީހުން އެކަހެރިވާން ދޫކޮށްނުލުން ކަމަށެވެ. އަދި އެމީހުންގެ އަތުގައި ހިފައި، އެމީހުންނަށް އެހީތެރިވެދިނުން ކަމަށެވެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކުގައި ދޭންޖެހޭ ބޭސްފަރުވާއަށްވުރެ، އާއިލާއާއި މުޖުތަމަޢުގެ ލޯތްބާއި އޯގާތެރިކަން ލިބުމަކީ މާ މުޖައްރިބު ފަރުވާއެއް ކަމަށް ވެސް ވިދާޅުވި އެވެ.