ހދ. މަކުނުދޫ އަހުމަދު ޝަވަން މުހައްމަދަށް ރަނިންގ ބްލޭޑް ހަމަޖައްސައިދީފި އެވެ.
އެކަން ހާމަކުރައްވާފައިވަނީ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު، މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިންގ ބްލޭޑް ހަމަޖައްސާދެވުން ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ރަނިންގ ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން ކަމަށެވެ.
"ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިގް ބްލޭޑް ހަމަޖައްސާދެވުން. ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން." މަހްލޫފް ވިދާޅުވި އެވެ.
މަކުނުދޫ ސްކޫލުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ޝަވަން އަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އެހެންނަމަވެސް ހިތްވަރު އެލުވައިނުލާ ކުރަމުން ދިޔަ މިންނެތް މަސައްކަތުން އޭނާ އާންމުންގެ ތެރެއަށް ތައާރަފްވީ މިއަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު "މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތު" ގަ އެވެ.
ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިގް ބްލޭޑް ހަމަޖައްސާދެވުން.
ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން.♥️ pic.twitter.com/CB9q7er6F3— Ahmed Mahloof (@AhmedMahloof) December 3, 2022
އެ ސްކޫލުގެ "ދުވެލި ހައުސް" ގެ ޖާރޒީ ނަމްބަރު 41 ގައި ކުޅެމުންދިޔަ އުމުރުން އެންމެ 7 އަހަރުގެ ޝަވަން ފުޓްބޯޅަ ކުޅެމުންދަނިކޮށް ނަގާފައިވާ ވީޑިއޯ އެއް އާންމުވުމުން އޭނާގެ ހުނަރަށާއި ހިތްވަރަށް އެންމެން ވަނީ ތައުރީފް ކޮށްފަ އެވެ.
އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަނި ނަމަވެސް، އެ މެޗުގައި ޝަވަން ވަނީ އެހެން ކުދިންނެކޭ އެއްފަދައިން ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ދައްކާލާފަ އެވެ. އަދި ޕާސް ދިނުމާއެކު ގޯލު ޖެހުމަށް ޓީމާއެކު ކުރިއަށް އަރައި، އަދި ފަހަތަށް ފައިބާ ޑިފެންސް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ "ކުޅެދޭ" ކުއްޖެކޭ އެއްފަދައިން ނެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރައްވާފައިވާ ޓްވީޓެއްގައި އެދުވަހު ވިދާޅުވީ އުއްމީދަކީ ޝަވަން އަށް އާޓިފިޝަލް ފައެއް ޖެހޭނެގޮތް ވެގެން ދިއުން ކަމަށާއި ޝަވަންގެ އުއްމީދުތައް މި ސަރުކާރުން އަދި އަދުގެ އޯގާތެރި ރައީސް ސޯލިހު، ފަނޑުވެގެން ދިޔަ ނުދެއްވާނެ ކަމަށެވެ.
މި ޓްވީޓުގައި އޭނާ ވަނީ ރައީސް ސޯލިހާއި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އަދި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވެސް ޓެގް ކުރައްވާފަ އެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އަށް ރާއީ އެދުވަހު ވިދާޅުވީ ޝަވަންގެ އާއިލާ އާއި އެޑިއުކޭޝަން މިނިސްޓަރާއި ޔޫތް މިނިސްޓަރާއި މަކުނުދޫ ކައުންސިލުގެ ރައީސް އާއި މެމްބަރު ޖީހާން އަދި ހެލްތު މިނިސްޓަރާއިއެކު މީޓީންގ އެއް ބާއްވާފައިވާ ކަމަށެވެ. އަދި ޝަވަން އަށް އެހީތެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އާސަންދައިގެ ޑީއެމްޑީ ރަޝީދު އާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން، ޝަވަން ގެ އާއިލާއަށް ގުޅުއްވާ މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށް ރާއީ ވިދާޅުވި އެވެ.
ޝަވަންގެ މަންމަ އައިޝަތު ވިޝާ "ތިލަދުން" އަށް އޭރު ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން ގުޅައި، ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އޮޅުން ފިލުވަމުން ގެންދާ ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އާއި ޔޫތް މިނިސްޓަރ މަހްލޫފް އަދި ދާއިރާގެ މެމްބަރު ރާއީގެ ނަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!