އާރުޓީއެލް ފެރީގައި ޅ. އަތޮޅުގައި ހިލޭ ދޭ ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފި

ޅ. އަތޮޅުގައި ކުރިއަށްދާ އާރުޓީއެލްގެ ދަތުރުތަކުގެ ތެރެއިން، ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޅ. އަތޮޅުގައި ކުރިއަށްދާ އާރުޓީއެލްގެ ދަތުރުތަކުގެ ތެރެއިން، ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް ޅ. އަތޮޅުގައި ހިލޭ ދޭ މުއްދަތު އިތުރުކޮށްފި އެވެ.

އެ ދަތުރުތައް ފެށުމުގެ ގޮތުން "އަހުލުވެރި ކަމުގެ ދަތުރު" ތައް އެ އަތޮޅުގައި މިހާރުކުރިއަށްދާއިރު، ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ހިލޭ ދަތުރުކުރެވޭ މުއްދަތު މާދަމާއަށް ހަމަވާގޮތަށް ކުރިން ނިންމާފައިވީނަމަވެސް އެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ މުއްދަތު މިހާރު އިތުރުކޮށްފައިވަނީ ކިހާ ދުވަހަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މިކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ މީޑިއާ ގެ ދެ ނަމްބަރަކަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. މި ހިދުމަތް ދޭ ކުންފުނި، އެމްޓީސީސީ އިން ވިދާޅުވީ އެކަމުގައިި ޖަވާބުދާރީ ވާނީ ޕްލޭނިންގ މިނިސްޓްރީން ކަމަށެވެ.

އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އާރްޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފެށިއިރު، އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ދަނީ ބާއްވަމުން ނެވެ.

ފުރަތަމަ ރޫޓް

  • ހިންނަވަރު،
  • ނައިފަރު،
  • ފެލިވަރު
ދެވަނަ ރޫޓް
  • ނައިފަރު
  • މަޑިވަރު

ތިންވަނަ ރޫޓް

  • އޮޅުވެލިފުށި،
  • ކުރެންދޫ،
  • ނައިފަރު

މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޒޯން 1 ގެ ޚިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިއީ މި ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ވެސް މެއެވެ.

ހދ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށީ މިއަހަރުގެ ޖޫން މަހުގެ 11 ގައެވެ. އެއަށްފަހު ހއ. އަތޮޅުގައި މިޚިދުމަތް ޖުލައި 3 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު، ށ. އަތޮޅުގައި މި ޚިދުމަތް ފެށީ މި ހިނގާ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހު އެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި