ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އޮފިޝަލް ބޯޅަ ރާއްޖޭގެ ދެ މިނިސްޓްރީއަކަށް ހަދިޔާ ކޮށްފިއެވެ.

މިދިޔަ ހަފުތާގައި ވަކިބަކިން ބޭއްވި ކުޑަ ހަފުލާއެއްގައި މި ބޯޅަ ހަދިޔާ ކުރައްވާފައިވަނީ ޔޫތް މިނިސްޓްރީއަށާއި ޓޫރިޒަމް މިނިސްޓްރީ އަށެވެ.

Ad
rt

ރާއްޖޭގައި ހުންނަ ގަތަރު އެއަރވޭސް އޮފީހުގެ ސޭލްސް އެންޑް މާކެޓިންގެ ފަރާތުން ހަދިޔާ ކުރި ބޯޅަ އާ ޔޫތް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އެވެ.

މި ބޯޅަ އާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެ މިނިސްޓަރުން ވެސް ވިދާޅުވެފައި ވަނީ މިއީ ދެގައުމުގެ ދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް ހާމަވާ ކަމެއް ކަމަށެވެ. އަދި އެ ގައުމުން ރާއްޖޭގެ ތަރައްގީއަށާއި އެހެނިހެން ކަންކަމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހު ފެށި މި މުބާރާތުގެ އޮފިޝަލް ބޯޅައަށް ދީފައިވާ ނަމަކީ "އަލް ރިހްލާ" އެވެ.

މި މުބާރާތުގައި 32 ޓީމުން ބައިވެރިވެފައިވާއިރު، މިހައިތަނަށް ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމަކުން ވެސް އެއްމެޗު ކުޅެފަ އެވެ. އަދި ބައެއް ޓީމުތަކުން ދެވަނަ މެޗު ވަނީ ކުޅެފަ އެވެ. މުބާރާތް ބާއްވާ ގައުމު، ގަަތަރުން މިހައިތަނަށް ދެ މެޗު ކުޅެފައިވާއިރު، އެ ދެ މެޗުން ވެސް ބަލިވެ، މުބާރާތާ އެންމެފުރަތަމަ އަލްވަދާއު ކިޔަން ޖެހުނު ޓީމަކީ ވެސް އެއީ އެވެ.

މި މުބާރާތުގެ ހައިރާން ކުރުވަނި ނަތީޖާއެއް މިހާތަނަށް ނެރުނު އެއް ޓީމަކީ ސައުދީ އަރަބިއްޔާގެ ޓީމެވެ. އެ ޓީމުން ވަނީ ފުޓްބޯޅަައިގައި ނަން މަޝްހޫރު އާޖެންޓީނާ ބަލިކޮށްފަ އެވެ. އަދި ޖަޕާނުން ވަނީ ޖަރުމަން ބަލިކޮށްފައެވެ.