ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ދަބަހުގައި ބޮމެއް އޮތް ކަމަށް އެމީހާ ބުނީ ހުޅުމާލޭ ބީޗް ކްލަބަށްވަދެ ކަމަށެވެ.
އާންމުން މީހަކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
މީގެ އިތުރުން މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސްފައި މިވަނީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދާ ވަގުތެއްގަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން ނެވެ.
މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ ސިޓީއާއި މާލެއާއި ކ. ގުރައިދޫން ޖުމްލަ 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ މުޅީން ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށާއި އެމީހުން ރާވަމުން ދިޔައީ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހަމަލާއެއް ދިނުމަށް ކަމަށެވެ. މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަސް، 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 46 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުން ނެވެ.
ފުލުހުން ކުރިން ވިދާޅުވެފައިވަނީ އޭގެތެރެއިން 10 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީން ކަމަށާއި މާލެއިން ދެ މީހުން އަދި ގުރައިދޫ އިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަން އައްޑޫ ސިޓީގައި އަދިވެސް ކުރިއަށްދާއިރު، ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތި ވެސް ދަނީ ބަލައި ފާސްކުރަމުން ކަމަށާއި މި އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!