ފީވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލެންޑްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވުމުން، މުބާރާތް ބާއްވާ ގަތަރު މުބާރާތުން ކަޓައިފިއެވެ.
ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ނެދަލެންޑްސްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ނތީޖާއާއިއެކު މި ގްރޫޕްގައި ކޮނެމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ނެދަލެންޑްސްއަށާއި އިކުއެޑޯއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ ތިންވަނާގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސެނަގާލް އޮތްއިރު ދެ މެޗުން ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގަތަރެވެ.
މި ގްރޫޕްގެ ފަހު މެޗުތަކުގައި ނެދަލެންޑްސް ނުކުންނާނީ މިހާރު މުބާރާތުން ކަޓާފައިވާ ގަތަރާއި ދެކޮޅަށެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ނެދަލެންޑްސްއަށް އެބައޮތެވެ. މި ގްރޫޕްގެ ފަހު މެޗުތަކުގައި އިކުއެޑޯއާއި ސެނެގާލް ވާދަކުރާއިރު ދެވަނަ ބުރުން ފުރުޞަތު ހޯދަން ބޭނުންނަމަ ސެނަގާލްއަށް މެޗު ކާމިޔާބު ކުރުން ނޫން ގޮތެއް ނޯންނާނެއެވެ. މެޗު އެއްވަރު ވެއްޖެނަމަ ދެވަނަ ބުރުގެ ފުރުޞަތު ލިބޭނީ އިކުއެޑޯއަށެވެ.
މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު ނެދަލެންޑްސްއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 6 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ. މިރޭގެ ލަނޑަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ނެދަލެންޑްސްއަށް ވުރެ ނުރައްކާކޮށް ފެނުނީ އިކުއެޑޯއެވެ. އިކުއެޑޯއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ އެ ޓީމްގެ އެސްޓޫޕިނަން ނެދަލެންޑްސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ނެދަލެންޑްސްގެ ގޯލް ކީޕަރުގެ އަތުގައި ޖެހިފައި ނުކުތްވަގުތު އެ ޓީމްގެ ކެޕްޓަން އެނާ ވެލެންސިއާ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. މިއީ ވެލެންސިއާ މި މުބާރާތުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސެނެގާލް އަތުން އިކުއެޑޯ 2-0 ގެ ނަތީޖާއިން މޮޅުވިއިރު އެ ދެލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ވެލެންސިއާއެވެ.
އިކުއެޑޯއިން ވަނީ 59 ވަނަ މިނެޓުގައި ލަނޑެއް ޖެހުމާއި ކައިރިއަށް ޖެހިލާފައެވެ. ނެދަލެންޑްސްގެ ގޯލް ކުރިމައްޗަށް ހުރަސްވީ ބޯޅަ ވެލެންސިއާ އެއްފަހަރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ނެދަލެންޑްސްގެ ޑިފެންސުން ބްލޮކް ކޮށްފައެވެ. ބޯޅަ ބޮލެކްވެގެން އޭރިއާ ބޭރަށް ނުކުތްވަގުތު އިކުއެޑޯގެ ގޮންޒާލޯ ޕްލާޓާ ވަނީ އެ ބޯޅަ ގޯލުގެ ދުރުކަނަށް ވާގޮތަށް ފޮނުވާލާފައެވެ. ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!