ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ސަރުކާރުން މި ހިންގަމުން ދާ މަޝްރޫއުތަކާއި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

Ad
rt

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި ނިންމުން ނިންމަވާފައިވަނީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި، ބައިނަލްއަގުވާމީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވެސް ލަފަޔާ އެކީގައި ކަމަށެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންގެ އެސޯސިއޭޝަން (މަޓާޓޯ) އިން ވިދާޅުވެފައިވަނީ ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ކޮންމެ މުވައްޒަފެއްގެ ސަރވިސް ޗާޖުން ގާތްގަނޑަކަށް 2،000ރ މަދުވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި އަށް 50 މިލިއަން ޑޮލަރުގެ ގެއްލުން ލިބި، ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މަޓާޓޯ އިން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަަރު އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދިފަންތި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށެވެ.