މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާ ތަކަށް ގެންދިޔަ މީހުންގ ެތެރެއިން އެއްވެސް މީހަކު މިހާރު ވަގުތީ ހިޔަލުގައި ނުތިބޭނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެ އެވެ.

އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެންދިޔަ ކަމަށާއި މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ.

Ad
rt

އެއީ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ. ސޭންޑްރޯސްގެ 1 ގޭބިސީ އާއި މ. ވާދީގެ 4 ގޭބިސީއެއްގެ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ އޮތޯރިޓީން އިތުރަށް ވިދާޅުވީ މިގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށާއި އެ ހާދިސާގައި އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ގެކަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން މިހާރުކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އަދި މިހާރުކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

ހަމަމިއާއެކު، މީގެ ތެރެއިން 5 ގޭބިސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހާދިސާގައި ގެއްލުވި ހުރިހާ އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް ބޭނުންވާ މާލީ އެހީ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ ބައެއް ނިޔާވި މި ހާދިސާގައި މ. ނިރުފެހި ގޭގައި ދިރިއުޅުނު 10 ބިދޭސީއެއް ވަނީ ނިޔާވެފަ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 8 މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހުން ނެވެ. އެމީހުންގެ ހަށިގަނޑުވަނީ ގައުމަށް ފޮނުވާލާފަ އެވެ.

މި ހާދިސާ އަންނަނީ ތަހުގީގު ކުރަމުން ނެވެ.