ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް" ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.
މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ބާއްވާ ކޭމްޕެކެވެ.
އެމްއޭޕީޑީ އިން "ތލަދުން" އަށް ވިދާޅުވީ މިކޭމްޕް ބޭއްވުމުގައި ވާސޯ މެޑިކަލް ސެންޓަރާއި އިންޑިޔާގެ ޖޮޝުއާ ކްލިނިކް އަދި އެސްޓްރާ ރިހެބް ގެ ފަރާތުން ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށެވެ. އަދި ހދ. އާއި ހއ. އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ތަފާތު ސިއްހީ ތެރެޕީތައް މިކޭމްޕުގައި ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ކޭމްޕު އޮންނާނީ އަންނަ ޑިސެމްބަރ 2 ވަނަ ދުވަހުގެ 14:30ން 18:00ށް އަދި 3 ވަނަ ދުވަހުގެ ހެނދުނު 9:00ން 12:00ށް ކަމަށާއި އަދި ހަމައެދުވަހު މެންދުރުފަހު 13:30ން 15:00 އަށް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ޑިސެމްބަރ 4 ވަނަ ދުވަހުގެ ހެނދުނު 9:00ން 12:00ށް، އަދި މެންދުރުފަހު 13:30ން 15:00ށް ކޭމްޕް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ޑިސެމްބަރ 4 ވަނަ ދުވަސް ބޮޑަށް ހާއްސަކޮށްފައިވަނީ ހއ. އަދި ހދ. ގެ ރަށްރަށުން އަންނަ ނުކުޅެދުންތެރިންކަން ހުންނަފަރާތްތައް ސްކްރީން ކުރުމަށް ވެސް އެމްއޭޕީޑީ އިން ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް އެ ދެ އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހެލްތް ސްކްރީނިންގ މިކޭޕުގައި ހެދޭނެ ކަމަށާއި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕު އޮންނާނީ ކޭއެޗްއާރް ގެ އުފަން ހިޔާ އިމާރާތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއޭޕީޑީ އިން ވިދާޅުވީ މިކޭމްޕުގައި ސްޕީޗް އެންޑް ލެންގްއޭޖް ތެރަޕީ، ފިޒިއޮތަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ކްލިނިކަލް ސައިކޮލޮޖީ، ޑެންޓަލް އަދި ލޯސްކްރީން ކުރުމުގެ ޚިދުމަތްތައް ހިމެނޭނެ ކަމަށެވެ.
ކޭމްގައި ބައިވެރިވުމަށް:
ބައިނަލްއަގްވާމީ ނުކުޅުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރ 3 ވަނަ ދުވަހު ހަވީރު 4 ން 6 އަށް ހާއްސަ ހަރަކާތްތަކެއް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އޮގޮތުން އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ގުޅިގެން ނެޝަނަލް ޕެރަލިމްޕިކް ޑޭ/ދުވަސް ފާހަގަކުރުން އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ "ވީދަފިފްޓީން" ކެމްޕެއިން ރާއްޖޭގައި ލޯންޗުކުރުން ހިމެނޭ ކަމަށާއި މި ކެމްޕެއިނަކީ ދުނިޔޭގެ އާބާދީގައި ދިރިއުޅެމުންދާ %15 އިންސައްތަ ނުކުޅުދެންތެރިން ހުންނަ ފަރާތްތައް ތަމްސީ ކޮށްދޭ ކެމްޕޭނެއް ކަމަށް ވެސް އެމްއޭޕީޑީ އިން ވިދާޅުވި އެވެ.
ހަމަމިއާއެކު ކެމްޕެއިންގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއި އެކު، އެޑިކޭޝަން މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން އެއްވެސް ކުއްޖަކު ބާކީނުކޮށް ޝާމިލު ކުރުވަނިވި ގޮތެއްގައި ކުޅެވިދާނެ ޕެރާލިމްޕިކްގެ ކުޅިވަރުތައް ދަސްކޮށްދިނުމުގެ ގޮތުން ހއ އަދި ހދ އަތޮޅުން މިކެމްޕެއިނަށް ތަމްރީނު ކުރެވިފައިވާ ސްކޫލްތަކުގެ ޓީޗަރުންގެ އެހީތެރިކަމާއެކު ޕެރާގެ ކުޅިވަރުތައް ތަޢާރަފްކޮށް މިކުޅިވަރުތަކަށް ތަމްރީނު ވަމުންދާ ދަރިވަރުންގެ ހުނަރުތައް ދައްކާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!