ހދ. ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، އެ ރަށުގައި ކުރިއަށް ގެންދިޔަ ނަމާދު ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް، ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަށް ވަނީ ބޮޑު ތަރުޚީބެއް ލިބިފައެވެ. މިގޮތުން މި ވޯކްޝޮޕްގައި 8 އަހަރާއި 12 އަހަރާއި ދެމެދުގެ ޖުމަލް 227 ކުދިން ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޮޕްގައި ނަމާދު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތާއި ސުންނަތް ނަމާދުތަކާއި ކަށުނަމާދު ކުރާނެ ގޮތްވެސް ދަސްކޮށްދިނުމުގެ އިތުރުން ވަނީ ދީނީ މަޢުލޫމާތު ވެސް އެ ކުދިންނަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ވޯކްޝޮޕްގައި ބައިވެރިވި ކުދިންގެ ބެލެނިވެރިންނަށް ވަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާނެ ގޮތާއި، ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުވާންޖެހޭ ކަންކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ވޯކްޝޮޕްގައި ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ޝެއިޚް މުޖުތަބާ ހަމީދާއި ޝެއިޚް ޝިހާމް މުހައްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ނަމާދަކީ ތަޢުހީދުގެ ކަލިމައާއި ވިދިގެންއޮންނަ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ.
ކުޅުދުއްފުށީގައި ބާއްވާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު ފަށައިފި
ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ ( واه الطبراني) މާނައީ: ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަމާދަކީ ޞިއްޙަތު ސަލާމަތުން ހުންނަޙާލުގަޔާއި ބަލިޙާލުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. މުޤީމު ޙާލުގައި ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަމާންޙާލަތުގައި ކުރަންޖެހޭ ފަދައިން ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަދި ނަމާދު އެނަމާދުގެ ވަގުތުން ފަސްކުރުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭނީ ނަމާދުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!