ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޢިއުލާންކޮށްފިއެވެ.

ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢިއުލާންގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ.

Ad
rt

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

ހައިކޯޓޫގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ އާއިއެކު ޖުމްލަ 54،300 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.

މި މަޤާމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީޢާ، ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މެދުނުކެނޑި މަދުވެގެން ފަސް އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށެވެ.

މި ކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅަންޖެހެނީ ޖޭއެސްސީގެ 3303501 ނަންބަރު ފޯނަށެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ އިސްފަނޑިޔާރުގެ ގޮތުގައި ހުންނެވި ހާތިފް ހިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމުންނެވެ.