ތިލަދުންމަތީ އުތުރުބުރީ ކެލާގައި އޮންނަ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ ކަނޑޫފާގެ ހާލަތު ރަނގަޅު ކުރުމަށް އެތަނުގައި އަލުން ގަސް އިންދުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު މިދިޔަ ހުކުރު ދުވަހު ވަނީ އައު ގަސް އިންދުމުގެ ކުރިއަށް އެތަނުގައިހުރި މަރުވެ ހިކިފައިވާ ގަސްތައްނަގައި ސާފު ކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން ކެލާ ކަނޑޫފަލުގައި ކަނޑުލާއި ބޮނޑަވަކި އަދި ކެލަވަކި ހިމެނޭހެން ތިން ބާވަތެއްގެ ގަސް މުޑުވަށްކޮށް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވެފައިވަނީ މިހާރުވެސް ގަސް މުޑުވަށްކޮށް 200 ހާ ގަސް ކެލާ ކަނޑޫފަލާއި އަދި ކަނޑޫފަލުގެ ހޭޅިފަށުގައި އިންދިފައިވާ ކަމަށާއި،ބައެއް ގަސްތައް ހެދެމުން އައި ނަމަވެސް ބައެއް ގަސްތައް މަރުވެފައިވާ ކަމަށެވެ.
މިފަހަރު މި ހިންގޭ ޕްރޮގްރާމްގެ ދަށުން އިތުރު 300 ގަސް އިންދުމަށް ނިންމާފައިވާ ކަމަށާއި، ގަސް މުޑުވަށްކޮށް އިންދުމުގެ އެންމެ އިސް ދަޢުރެއް އަދާކުރަމުން އަންނަނީ ކެލާ ޔޫތު ފޯރަމުން ކަމަށެވެ.
އިންފާޒް އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކަނޑޫފާތަށް މަރުވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސް އެ ކަނޑޫފާތަށް ދިރާސާ ވެސް ކޮށްފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހިސާބަށް ވެސް ކެލާ ކަނޑޫފަލުން ގަސްތައް މަރުވަމުންދާ މައްސަލައަށް ހައްލެއް އައިސްފައި ނުވާކަމަށެވެ.
ކެލާ ކަނޑޫފާ އާލާ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކަނޑޫ ގަސް އިންދަނީ، ފޮޓޯ: ކެލާ ކައުންސިލް
ކެލާ ކައުންސިލުން ވަނީ މި ޕްރޮގްރާމްގައި އެހީތެރިވެދެއްވަމުން އަންނަ ކެލާ ޕޮލިސްޓޭޝަނަށާއި، ކެލާ ހެލްތު ސެންޓަރަށާއި، ކެލާ ފެނަކަ ބްރާންޗަށާއި، ކެލާ ޔޫތު ފޯރަމަށާއި، އައިލެންޑް ޑިވެލޮޕްމެންޓް އެންޑް އެންވަރޮންމެންޓް އެވެއާނަސް ސޮސައިޓީއަށާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ކޮމެޓީއަށާއި ކެލާ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން ކެލާ ސެއިޚް އިބްރާހީމް ސްކޫލުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. އެއީ އެތަނުގައިވާ ކުޅީގެ ރީތިކަމާއި އެތަނުގެ އެންވަޔަރަމްނަޓްގެ ހިތްގައިމު ކަމުންނެވެ.
2020 ވަނަ އަހަރުގެ މެދުތެރޭ ހ.ކެލާ އަދި ހދ. ނޭކުރެންދޫ ހިމެނޭހެން ދެރަށުގެ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން ކުރި ފީލްޑް ސާވޭ އިން ދެރަށުގެ ކަނޑޫފަލުގައި ވާ ތަފާތުތަކެއް ވަނީ ފާހަގަ ކުރެވިފައެވެ.
އެ ސާވޭއަށް ފަހު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެފައި ވަނީ ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!