ކުރީގެ ރައީސް އަބްދު ﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކޮށް، މަނީ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީނާ ދެކޮޅަށް ކުރާ ދައުވާގައި ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ ޔާމީންގެ ދިފާއީ ހެކިން ކޯޓުގައި ދޮގު ހެކިބަސް ދިންކަން ސާބިތު ކުރުމަށެވެ.

Ad
rt

އެ ހެކި ބަލައިގަތުމަށް އިސްގާޒީ އަހުމަދު ޝަކީލް މިއަދު ނިންމެވުމުން، އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލުން އެކަމާ މެދު އިއުތިރާޒްކޮށް، އެ ނިންމުން މުރާޖާކުރަން އެދުނެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ އެ ނިންމުން ބަދަލު ނުކުރުމަށެވެ.

ޔާމީންގެ ދިފާއުގައި ކޯޓުގައި ކުރިން ހެކިބަސް ދިނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫތު މިނިސްޓަރު ޒުހޫރާއި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. ދައުލަތުން އާ ހެކި ހުށަހެޅީ އެ ބޭފުޅުން ދޮގު ހެދިކަން ސާބިތު ކުރުމަށެވެ.