ށ.ފުނަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފިއެވެ.
މި މަހުގެ ދިވަހަނަ ދުވަހާއި އެގާރަވަނަ ދުވަހު ފުނަދޫގައި ކުރިއަށް ގެންދިޔަ މި ސެމިނާގައި ޖުމަލް ހަތަރު މަޢުލޫއަކަށް ހަތަރު ސެޝަންއެއް ވަނީ ބާއްވާފައެވެ.
މިގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުނަދޫ ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ގެންގޮސްފައި ވަނީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމާއި ހަލާލު ގޮތުގައި ފައިސާ ހަރަދުކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންދެވިފައިވާ ސެޝަންއެކެވެ.
މި މަހުގެ 11 ވަނަ ދުވަހު މެންދުރު ފަހު ފުނަދޫ ކައުންސިލް ޖަލްސާކުރާ މާލަމުގައި އިސްލާމް ދީނުގައި އަބުރު ރައްކާތެރި ކުރުމަށް ދީފައިވާ އަހަންމިއްޔަތާއި ގުޅޭގޮތުން ސެޝަން ބާއްވާފައިވާއިރު، އެ ދުވަހު ހަވީރު ވަނީ ޒަކާތުގެ މުހިންމުކަމާއި އަދަބުވެރިކަމުގެ އިތުރުން މައިންބަފައިންނަށް އިޚްތިރާމް ކުރުމާއި ގުޅޭގޮތުން ސެޝަން ކުރިއަށް ގެންގޮސްފައެވެ.
މި ސެމިނާގެ ފަހު ސެޝަން ބާއްވާފައި ވަނީ 11 ވަނަ ދުވަހުގެ ރޭ އެ ރަށު ޑްރައިވިން ޓްރެކް ސަރަހައްދުގައެވެ. އެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ސިހުރު ހެދުމުގެ ނުބައިކަމާއި އެސްފީނާއާއި ގުޅޭގޮތުންނެވެ.
މި ސެމިނާގައި ބައިވެރިންނަށް މަޢުލޫމާތުދީ ދަރުސްދިނުމަށް ބައިވެރިވެ ލައްވާފައި ވަނީ ރާއްޖޭގައި އިސްލާމް ދީނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ އައްޝެއިޚް މުޙައްމަދު ސިނާންއެވެ. މީގެ އިތުރުން ދީނީ ޕްރޮގްރާމްތައް ހުށަހަޅައި ދިނުމުގައި ސަލަފް ޖަމިއްޔާގައި ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ އަލީ ރަމީޒް ވެސް މި ސެމިނާގައި ވަނީ ބައިވެރިވެލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!