މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ފަރާތުން، ދިވެހި ނޫސްވެރިން ކުރިއަރުވައި، ނޫސްވެރިން ކުރައްވަމުން ގެންދަނާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުންއަންނަ "ނޫސްވެރިކަމުގެ އެވޯޑު" ދިނުމުގެ ހަފުލާ ބާއްވައިފި އެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.
"ނޫސްވެރިކަމުގެ އެވޯޑް 2021" ގައި މިއަހަރު 2 ކެޓަގަރީއަކުން 12 ދާއިރާއަކަށް ދިނުމަށް ހުޅުވާލިނަމަވެސް މީގެތެރެއިން 5 ދާއިރާއަކުން އެކަށީގެންވާ ހުޅައެޅުންތައް ނުލިބުމުގެ ސަބަބުން، އެ ދާއިރާތަކުން އެވޯޑް ދީފައެއް ނުވެ އެވެ.
ފައިބެއަހަރުގެ އެންމެމޮޅު ނޫސްވެރިޔާގެ މަގާމު، ދައުރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ އާމިނަތު ޝިފްލީން ހޯދިއިރު، މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް އެކި ދާއިރާތަކުން 11 ނޫސްވެރިއަކު ހާސިލްކޮށްފައި ވެއެވެ. މީގެތެރޭގައި އިޖްތިމާއީ، ސިޔާސީ، ކުޅިވަރު އަދި ވިޝުއަލްގެ އެކި ދާއިރާތައް ވެސް ހިމެނެ އެވެ.
އާއްމުންގެ ވޯޓު ހިމެނޭގޮތަށް އެންމެ މޮޅު ނޫސްވެރިޔާ ހޮވާފައިވާއިރު، އެސްއެމްއެސްއަށް ހުޅުވާލި ފުރުސަތުގައި 59000 އަށްވުރެ ގިނަ އެސްއެމްއެސް ލިބިފައިވާ ކަމަށް އެމްއެމްސީން ވިދާޅުވެ އެވެ. އަދި އިންޓަވިއުއާއި ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ޖަޖުންގެ ޕެނަލްއިން މާކްސް ދީފައިވެއެވެ. މިއެވޯޑަށް 5 ނޫސްވެރިއަކު ނޮމިނޭޓްވި އެވެ.
2021 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެންމެ ގިނަ އެވޯޑް ހާސިލްކުރީ މިހާރު ނޫހުން ނެވެ.
މިފަހަރުގެ ގިނަ އެވޯޑްތައް ލިބިފައިވަނީ ނޫސް މަޖައްލާ ކެޓަގަރީން ނެވެ. ބްރޮޑްކާސްޓިންގ ދާއިރާގެ ހުށައެޅުންތައް މަދުކަމުންނާއި އެ ދާއިރާއިން ހުށައެޅި ހުށައެޅުންތަކުގެ ތެރޭގައި އެކަށީގެންވާ ހުށައެޅުންތައް ލިބިފައި ނުވާކަން މީޑިއާ ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.
އެވޯޑް ލިބުނު ފަރާތްތަކާ ދާއިރާތައް:
އެންމެ މޮޅު ނޫސްވެރިޔާ، އާމިނަތު ޝިފްލީން - ދައުރު ނޫސް
އެންމެ އުންމީދީ ނޫސްވެރިޔާ، އާލިމް އަބްދުއްލަތީފް - މިހާރު ނޫސް
ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާއީ ދާއިރާ، މުޙައްމަދު ހަމްދޫން - މިހާރު ނޫސް
ސިޔާސީ ދާއިރާ، ފަޒީނާ އަޙުމަދު - މިހާރު ނޫސް
ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ޝަފްނާ ހުސައިން - ދައުރު ނޫސް
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، އަޙުމަދު ނާއިފް - ދައުރު ނޫސް
ކުޅިވަރުގެ ދާއިރާ، އައްޒާމް އަލިފުޅު - އަދަދު ނޫސް
ވިީޑިއޯ ޖަރނަލިޒަމް ދާއިރާ، އަޙުމަދު އަލީ - ވަގުތު ނޫސް
ފީޗަރ ލިއުމުގެ ދާއިރާ، ނަޖާހު މަސްޢޫދު - މިހާރު ނޫސް
ފޮޓޯގްރަފީ ދާއިރާ، ނިޝާން އަލީ - މިހާރު ނޫސް
ގްރެފިކްސްއާއި އިލަސްޓްރޭޝަން، އަބްދުﷲ ޝަފީޢު - އަދަދު ނޫސް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!