ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފްވެރި މަގާމު ދިވެހިރާއްޖެއިން ޖެހިޖެހިގެން ތިން ވަނަ އަހަރު ހާސިލުކޮށްފިއެވެ.
މި އެވޯޑު ރާއްޖެއަށް ލިބުނީ އިއްޔެ ރޭ އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓެލެއްކަމުގައިވާ އަލް ބުސްތާން ޕެލަސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2022 ގެ ހަފްލާގައެވެ. މި އެވޯޑާއި ހަވާލްވެވަޑައިގެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.
ދިވެހިރާއްޖޭގެ އިތުރުން މި އަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑަށް 18 ގައުމެއް ނޮމިނޭޓްވެ ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ދުބާއި, ޕޯޗުގަލް، އިންޑޮނޭޝިއާ އަދި ގްރީސްފަދަ ނަން މަޝްހޫރު ގައުމުތައް ހިމެނުނެވެ.
ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުންވެސް ޝަރަފުވެރި އެވޯޑްތަކެއް ދިވެހިރާއްޖެއިން ވަނީ މި ރަސްމިއްޔާތުގައި ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑްގެ ލަގަބު ފުރަތަމަ ފަހަރަށް އެމްއެމްޕީއާރުސީއިން ވަނީ ކާމިޔާބުކޮށްފައެވެ. މި އެވޯޑު ރާއްޖެއިން ހާސިލްކޮށްފައި މިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ބޮޑެތި ބަޖެޓް ލިބިފައިވާ ޓޫރިސްޓް ބޯޑުތަކާ ވާދަކޮށެވެ. މިގޮތުން މި އެވޯޑަށް 28 ޓުއަރިސްޓް ބޯޑެއް ނޮމިނޭޓްވެފައިވާއިރު، މީގެތެރޭގައި ވިޒިޓް ދުބާއި, އިންކްރެޑިބަލް އިންޑިއާ، ޓޫރިޒަމް އޮސްޓްރޭލިއާ، އަދި ވިޒިޓް އިންގްލެންޑު ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ މި އެވޯޑަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަމުގެ ހެއްކެއް ކަމުގައެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ހާސިލްކުރި އެވޯޑުތަކުން ދައްކުވައިދެނީ މި ދާއިރާއިން ގުޅިގެން އެކުގައި ގޮންޖެހުންތަކުން އަރައިގަނެ ކޮންމެ ކަމެއްވެސް ހާސިލްކުރެވިދާނެކަމެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މި އެވޯޑް ކާމިޔާބު ކުރީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއީ މި އެވޯޑު ލިބުނު ތިންވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!