ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ލަޔަންއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.

އިއްޔެ ގްރޫޕް އޭގައި ލަޔަންއާއި ލާޒިއޯ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލަޔަންއެވެ. މި މެޗުގައި ލަޔަންއަށް ލަނޑުތައް ޖަހައި ދީފައި ވަނީ މުޙައްމަދު އާދަމްގެ އިތުރުން އިބްރާހީމް އާދަމެވެ. ލާޒިއޯގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ޝަރީފެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ލަޔަންގެ ޖޯޒީ ނަމްބަރު 8، މުޙައްމަދު އާދަމެވެ.

Ad
rt

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލަޔަން މި ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ. ލަޔަންއަށް ތިން މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގެ ދެވަނާގައި މިވަގުތު އޮތީ ކުޅުނު ދެ މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އައްޓޯ އެފްސީއެވެ. ތިންވަނާގައި ދެ މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު އޮތީ އަތިރިކޮޅު ލެޖެންޑްސްއެވެ. މި ގްރޫޕްގެ ފުލުގައި އޮތީ 3 މެޗުން އެއް ޕޮއިންޓް ލިބުނު ލާޒިއޯއެވެ.

މި ގްރޫޕްގެ ފަހު މެޗުގައި މިއަދު ބައްދަލުކުރާނީ އައްޓޯ އެފްސީއާއި އަތިރިކޮޅު ލެޖެންޑްސްއެވެ. މި މެޗު ކާމިޔާބު ކޮށްގެން މި ގްރޫޕްގެ ދެވަނަ ހޯދައި ސެމީގެ ޖާގަ ކަށަވަރު ކުރުމުގެ ފުރުޞަތު އަތިރުކޮޅު ލެޖެންޑްސްއަށް އެބައޮތެވެ. ނަމަވެސް އައްޓޯ އެފްސީއަށް މި މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ.

އިއްޔެ ގްރޫޕް ބީގައި ބީޗް ސިޓީ ސްޕޯޓްސް ކުލަބާއި ލެންޓާން އެފްސީ ބައްދަލުކުރި މެޗު 6-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ބީޗް ސިޓީ ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ބީޗް ސިޓީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ނީޝަން އިބްރާހީމް، އަލީ މަލާޝް އައި ސިނާން އިބްރާހީމްގެ އިތުރުން ފަހުމާން އަބްދުލް ހަމީދެވެ. ފަހުމާން ވަނީ 3 ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ފަހުމާންއެވެ. މި މެޗުގައި ލެންޓާންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ އިބްރާހީމް ސަމީހުއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ލިބުނު 7 ޕޮއިންޓާއިއެކު ބީޗް ސިޓީ ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި ގްރޫޕްގެ ދެވަނާގައި މިވަގުތު އޮތީ ޒީރު ސްޕޯޓްސް ކުލަބެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް އެސްޕޯޓެސް ޖުވެނިސްއަށް ލިބިފައި ވަނީ ދެ މެޗުން 3 ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވި ލެންޓާން އެފްސީއެވެ.

މި ގްރޫޕްގެ ފަހު މެޗުގައި މިއަދު ބައްދަލުކުރާނީ އެސްޕޯޓެސް ޖުވެނިސްއާއި ޒީރު ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ސެމީގެ ޖާގައެއް ބޭނުންނަމަ މިއަދު މެޗު އެސްޕޯޓެސް ޖުވެނިސްއަށް ކާމިޔާބުކުރުން މަޖުބޫރުއިރު، މެޗު އެއްވަރު ކޮށްލައިގެން ވެސް ޒީރުއަށް ސެމީން ޖާގަ ކަށަވަރު ކުރެވޭނެއެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީ ރާވާލާފައި ވަނީ ކޮންމެ ގްރޫޕަކުން އެންމެ ގިނ ޕޮއިންޓް ހޯދާ ދެޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. އެއަށްފަހި ދެ ގްރޫޕް ކްރޮސްކޮށް ސެމީ މެޗުތައްކުޅެ ސެމީ މެޗުތައް ކާމިޔާބުކުރާ ޓީމްތަކަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.