ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" އަންހެން ކެޓަގަރީގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީއެސް ވިމެންސް ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ސީއެސް ވިމެންސް އިއްޔެ ކުޅުނު މެޗު ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ސީއެސް ވިމެންސްއިން ވަނީ ބީޗް ސިޓީ ވިމެންސްގެ މައްޗަށް 8-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

Ad
rt

މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ރާއިދާ މޫސާ، ސަޒުލާ ހަސަން، ރާޝިދާ މޫސާގެ އިތުރުން ފާތިމަތު ޒާރާއެވެ. ރާއިދާ 4 ލަނޑު ޖެހިއިރު، ޒާރާ ވަނީ 2 ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 17، ރާއިދާ މޫސާއެވެ.

އަންހެން ކެޓަގަރީގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ޒީރު ސްޓާރސް ނުކުންނާނީ ޓާފް ކުއީންއާއި ދެކޮޅަށެވެ. މި މެޗު އެއްވަރު ކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ކަށަވަރު ކުރުމުގެ ފުރުޞަތު ޓާފް ކްއީންއަށް އެބައޮތެވެ. ނަމަވެސް ޒީރު ސްޓާރސްއަށް ފައިނަލުގެ ޖާގަ ލިބެން އޮތީ މި މެޗު ކާމިޔާބު ކޮށްގެންނެވެ.

ހަތަރު ޓީމް ވާދަކުރާ އަންހެން ކެޓަގަރީގެ ޕޮއިންޓް ތާވަލު އޮތް ގޮތަށް ބަލައިލާއިރު، ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ސީއެސް ވިމެންސްއެވެ. ދެވަނާގައި 2 މެޗުން ލިބުނު 4 ޕޮއިންޓާއިއެކު ޓާފް ކުއީން އޮތްއިރު، ތިންވަނާގައި ކުޅުނު 2 މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އޮތީ ޒީރު ސްޓާރސްއެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ބީޗް ސިޓީ ވިމެންސްއެވެ.

ޒީރު ސްޓާރސްއާއި ޓާފް ކުއީން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.