ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެ ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ވަޔެކާނޯގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނިކޮށް ވަޔެކާނޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ރެއާލް ބަލިކޮށްފައެވެ. މެޗު ވަޔެކާނޯ އިން ކާމިޔާބުކުރީ 2-3 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވަޔެކާނޯ އިންނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސަންޓީ ކޮމެސާނާއެވެ. އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކާ މޮޑްރިޗްއެވެ.

Ad
rt

އޭގެ ހަތަރު މިނެޓު ފަހުން މާކޯ އަސެންސިއޯގެ އެހީތެރިކަމާ އެކު ރެއާލަށް ގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ އެޑާ މިލިޓާއޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ވަޔެކާނޯގެ އަލްވާރޯ ގާސިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ވަޔެކާނޯ މޮޅުކޮށްދިނީ އޮސްކާ ޓްރެހޯއެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގައި މޮޅަށްކުޅުނު ރެއާލްއިން 12ހަމަލާއެއް ފޮނުވައިލި އިރު ގޯލާއި އަމާޒުވީ 3 ހަމަލާއެެވެ.

ވަޔެކާނޯއިން 11 ހަމަލާއެއް ފޮނުވާލިއިރު 6 ހަމަލާއެއް ވަނީ ގޯލާއި އަމާޒުވެފައެވެ.

މީ މި ސީޒަނުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ.

ލީގުގައި 13 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ރެއާލް އޮތީ ދެ ވަނަ މަގާމުގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބެނީ 34 ޕޮއިންޓެވެ. ރެއާލް އަތުން މޮޅުވި ވަޔެކާނޯ އޮތީ 21 ޕޮއިންޓާ އެކު އަށް ވަނަ މަގާމުގައެވެ.