ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި އެވެ.

އެގޮތުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ.

Ad
rt

ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައިވާ ޔާސިރަކީ ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހައިތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގަ އެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވާ ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލު ކުރައްވާފަ އެވެ. އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ވެސް ޙާސިލް ކުރައްވާފައި ވެއެވެ.

ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި މިހައިތަނަށް ހުންނެވި އަލްއުސްތާޛް އިބްރާހީމް ނަޢީމް ވަނީ ފަސް އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފަ އެވެ.

މި ދެބޭފުޅުން ވެސް މެޖިސްޓްރޭޓުކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު އެވެ.