ޕްރިމިއާ ލީގުގައި ބުދަދުވަހުގެރޭ ކުޅުނު މެޗުތަކުން ޔުނައިޓެޑް، ލިވަޕޫލް މޮޅުވެ ޗެލްސީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ދެވަނަ ހާފު ފަށައިގެން 47 ވަނަ މިނެޓުގައި ސަންޗޯގެ އެހީތެރިކަމާއެކު ފުރެޑް ވަނީ ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައެވެ.
މޮޅަށް ކުޅެމުންދިޔަ ޔުނައިޓެޑަށް ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ޕޯޗްގަލްގެ މިޑްފީޑަރ ފެނާންޑޭޒް އެވެ. މި ގޯލު ފެނާންޑޭޒް ކާމިޔާބު ކުރީ މެޗުގެ 69 ވަނަ މިނެޓުގައެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުންވަނީ ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް 10 ހަމަލާއެއް ފޮނުވައިލާފައެވެ. ޓޮޓެންހަމްއަށް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ.
މި ނަތީޖާއާއި އެކު 10 މެޗުން ލިބުނު 19 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 5 ވަނައިގައެވެ. ޓޮޓެންހަމް 11 މެޗުން 23 ޕޮއިންޓް ހޯދައިގެން ލިބެނީ ތާވަލުގެ 3 ވަނަ އެވެ.
ރޭގައި ލިވަޕޫލް ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. ލިވަޕޫލް އަމިއްލަ ދަނޑުގައި ވެސްޓްހަމް އާއި ވާދަ ކޮށް ލިވަޕޫލް މެޗު ކާމިޔާބު ކުރި ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އުރުގުއޭގެ ފޯވާރޑް ޑާވިން ނުނޭޒް އެވެ. ގޯލުގެ ފަހުން ނުނޭޒް ފޮނުވާލި ހަމަލާއެއް ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި ނަތީޖާއާއި އެކު ލިވަޕޫލުންވަނީ 10 މެޗުން 16 ޕޮއިންޓް ހޯދައި ތާވަލުގެ 7 ވަނަ މަގާމަށް ޖެހިލައިފައެވެ. ވެސްޓްހަމް ވަނީ 13 ވަނައަށް ވެއްޓިފައެވެ. 11 މެޗުން ލިބެނީ 11 ޕޮއިންޓެވެ.
ރޭގައި ޗެލްސީ އަދި ބްރެޓްފޯޑް ބައްދަލުކުރިމެޗު ނިމުނީ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފާއްޓައިގެން ކުޅުނު ޗެލްސީއިންވަނީ ބްރެޓްފޯޑް ގެ ގޯލާއި އަމާޒްކޮށް 6 ހަމަލާއެއް ފޮނުވައިލާފައެވެ. ބްރެންޓްފޯޑްއިން ޗެލްސީގެ ގޯލާއި އަމާޒުކޮށް 5 ހަމަލާއެއް ފޮނުވައިލިއެވެ.
މި ނަތީޖާއާއިއެކު ޗެލްސީއަށް ތާވަލުގެ 4 ވަނަ މަގާމު ލިބެނީ 10 މެޗުން ހޯދި 20 ޕޮއިންޓާއިއެކުގައެވެ. 11 މެޗުން 14 ޕޮއިންޓް ހޯދައިގެން ބްރެންޓްފޯޑް އޮތީ ތާވަލުގެ 9 ވަނައިގައެވެ.
އިނގިރޭސި ލީގުގައި ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވޫލްސްގެ މައްޗަށް ކްރިސްޓަލް ޕެލަސް ކުރި ހޯދީ 2-1 ގެ ނަތީޖައިންނެވެ. ބޯންމައުތު މައްޗަށް ސައުތެމްޓަން ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ. އެވަޓަންއާއި ބައްދަލުކޮށް ނިއުކާސަލް މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!