ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނަރުދޫން ހޯދައިފިއެވެ.

ސެމީފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅުނު ޕްލޭއޮފް ބުރުގެ ފަހު މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ނަރުދޫއެވެ. ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫގެ ޖޯޒީ ނަމްބަރު 19، މުޙައްމަދު އަހުޝަމްއެވެ.

Ad
rt

މި ނަތީޖާއާއިއެކު ޕްލޭއޮފް ބުރުގައި ގޮއިދޫއަށާއި ނަރުދޫއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ނަރުދޫއަށް ސެމީގެ ޖާގަ ލިބިފައިބަނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މާދަމާއެވެ. މާދަމާ ހަވީރު 16:30 ގައި ނަރުދޫ ފުޓްސަލް ދަނޑުގައި ނަރުދޫއާއި މިލަންދޫ ބައްދަލުކުރާއިރު، ހަމަ އެ ވަގުތު ފޭދޫ ފުޓްސަލް ދަނޑުގައި ކުޅޭ ސެމީ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ފުނަދޫއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު ޅައިމަގު ފުޓްސަލް ދަނޑުގައެވެ.

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.