ސްކައުޓް ހަރަކާތުގެ ސަބަބުން ޒިންމާދާރުވުމަށާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ''ޖަމްބަރީ އޮން ދަ އެއަރ- ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022''، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތްކަން ފާހަގަ ކުރަށްވާފައެވެ.

މީގެ އިތުރުން ސްކައުޓް ހަރަކާތް، އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމަޢަށް އަދި ވަކިވަކި ފަރުދުންނަށްވެސް މި ހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީކަން ފާހަގަކުރެއްވިއެވެ.

މިގޮތުން މިއަދު ފެށުނު ޖަމްބަރީއާ އެކުވެސް ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަމަށް ވިދާޅުވިއެވެ.

ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މި ހަރަކާތް މިއަހަރު ބާއްވަނީ މި އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ.

މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ. ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި މިއަދު ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށް ވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.