ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުން ވެސް ހިމެނޭކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު ވަރަށް ތަފްޞީލީގޮތެއްގައި ބަޔާންކޮށްދެއްވާފަ އެވެ. އަދި އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއި ދައުލަތަށް ލިބޭ އާމްދަނީ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ވެސް ނޫސްވެރިންނާއި ޙިއްޞާކުރައްވާފަ އެވެ.

ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާ މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މެދު ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ފިޗްއިން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައިކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑަށް ފަހުގައި ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށާއި ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމަށް ވެސް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަދަދަކީ، ކުރިންވެސް އަންދާޒާކޮށްފައިވާ އަދަދުކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތުގެ މައްޗަށް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފަ އެވެ.