މަސައްކަތުގެ މާޙައުލުގައި އަބަދު ވެސް އަމާޒަކަށް ހަދަންވީ ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ކަންކަން ބަލައި ހޯދައި، ޢިލްމީ ދަންމަރު ނިވުނަ ނުދީ ދަމަހައްޓާ ބަޔަކަށް، ދަސްވެނީން ވުމަށް އެދިވަޑައިގެން އެކަމަނާ ވަނީ މައިގަނޑު ދެކަމެއްގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މިގޮތުން، ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ މައިދާނުގައި ކުރަންޖެހޭނެ ތަޖުރިބާތަކުގެ މައްޗަށާއި، ދިރިދުނިޔޭގައި ހުރިހައި ދުވަހަކު ޢިލްމު އުނގެނުމުގެ މުހިއްމުކަމާއި ބެހޭގޮތުން އެކަމަނާ ވާހަކަފުޅު ދައްކަވައި، ދަސްވެނީންނަށް އިރުޝާދާއި ނަސޭހަތް ދެއްވި އެވެ.

އެކަމަނާ ވިދާޅުވީ މަސައްކަތުގެ ޢަމަލީ މައިދާނުގައި، ތަފާތު ޙާލަތްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެހެންނަމަވެސް މަންޒިލަށް ވާޞިލް ވުމަކީ މުހިއްމު ކަމެއް ކަމުގަ އެވެ. އަދި، މަސައްކަތުގެ މާޙައުލުގައި އަބަދު ވެސް އަމާޒަކަށް ހަދަންވީ، ހުރިހާ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކޮށް، ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

ދަސްވެނީންނަށް އުނގެނުމުގައި ދެމި ތިބުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި އެކަމަށް ހިތްވަރުދެއްވާ ވިދާޅުވީ ޑިގްރީން، މާސްޓަރސްއިން ނުވަތަ ޕީއެޗްޑީން ދަސްވަނީ އެކޯސްތަކުގައި ހިމެނޭ މަޢުލޫމާތުކޮޅު ކަމަށާއި، އެ މިންވަރުން ދުނިޔޭގެ ހުރިހާކަމެއް ތިމާއަށް އެނގުނީކަމަށް ދެކޭނަމަ އެއީ ގޯހެއް ކަމަށެވެ.

އެހެންކަމުން މިއަދު ހާސިލްކުރެވުނު ޢިލްމަކީ، ޙަޔާތުގެ ބާކީ އޮތް ދުވަސްވަރު، އިތުރު މަޢުލޫމާތު ހޯދައި، ހުނަރުތައް ދަސްކުރުމަށް، ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ބެއްލެވުމަށް ދަސްވެނީންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން، ބެޗެލަރސް އިން ޝަރީޢާ އިން ލޯ އޮނަރސް ކޯހުން އެއްވަނަ ހޯދި ދަރިވަރަށް، ޤައުމީ ޔުނިވަރސިޓީން ދޭ ޝަރަފްގެ އެވޯޑާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ބެޗްލަރސް އާއި މާސްޓަރސް ޑިގްރީ ހާސިލްކުރި އެހެން ބައެއް ދަރިވަރުންނަށް އެކަމަނާ ވަނީ ސަނަދުތައް ޙަވާލުކޮށްދެއްވާފަ އެވެ.