ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

Ad
rt

ރައީސް ސާލިހު ވަނީ ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ މި އޮކްޓޯބަރ މަހުގެ 5 ން 8 އަށް ރަސްމީ ދަތުރުފުޅެއްގައި ބަހްރެއިނަށް ވަޑައިގެންފަ އެވެ.

ރައީސް ބަހްރެއިނަށް ވަޑައިގެންނެވީ އެގައުމުގެ ރަސްގެފާނު ދެއްވި ދައުވަތަކަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 14 އިން 22 އަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގެންފަ އެވެ. އެ ގައުމަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ސާލިހު ސިންގަޕޫރަށް ވަޑައިގެންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އެމެރިކާގެ ވޮޝިންޓަނަށް މިއަދުފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. އެއީ

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވަރލްޑް ބޭންކުގެ އަހަރީ ޖަލްސާ އާއެކު ބާއްވާ ކްލައިމެޓް ވަނަރަބްލް 20 ގައުމުގެ (ވީ20) މާލީ ވަޒީރުންގެ 9 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވީ20 ގްރޫޕުގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ މިނިސްޓަރ ކެނެތް އޮފޯރި-އަޓާ ގެ ޚާއްސަ ދައުވަތުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވަރލްޑް ބޭންކް އަދި ސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.