ނަފްސާނީ ސިއްހަތު ކުރިއެރުވުމަކީ މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ފަޒުނާ މިހެން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ރަސްމީކޮށް ހުޅުވި މެންޓަލް ހެލްތް ސެންޓަރ ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އެކަމަނާ ވިދާޅުވީ ނަފްސާނީ ސިއްހަތު ކުރިއެރުވުމަކީ ހަމައެކަނި ސައިކޮލޮޖިސްޓް ނުވަތަ ސައިކޭޓްރިސްޓުން ނުވަތަ މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ވަށާޖެހޭ ނަފްސާނީ ސިއްހަތެއް ލިބިގަނެވޭނީ އެންމެން އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން މީހަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރާއިރު، އިހްސާންތެރިކަމާއެކު އޯގާތެރިކަމާއެކު އެމީހަކަށް އަޅާލުން އެއީ ހުރިހާ މުވައްޒަފުންގެ ޒިންމާއަކަށް ހެއްދެވުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ ކެޑަބަމްސް ގްރޫޕް ބައިވެރިގެން މެންޓަލް ހެލްތް ސެންޓަރެއް ހުޅުވުމުން އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ދާދި ފަހުން ބަހްރައިނަށް ކުރެއްވި ދަތުރުފުޅުގައި ކިންގް ހަމަދު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުން ދެއްވި ޕްރެޒެންޓޭޝަން ހުޅުމާލެ ހޮސްޕިޓަލާ ވަރަށް ގުޅޭކަން ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފަ އެވެ.

އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓާއި ކުޑަކުދިންގެ ޑިޕާޓްމެންޓާއި މެންޓަލް ހެލްތް ޑިޕާޓްމެންޓުން ގުޅިގެން މަސައްކަތް ކުރާކަން އެ ޕްރެޒެންޓޭޝަނުން ހާމަވި އިރު، ބަހްރައިން ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އޯގާތެރިކަމާއި އިހުސާންތެރިކަން ހުޅުމާލެ ހޮސްޕިޓަލުގެ ކޮންމެ ސްޓާފެއްގެ ފަރާތުން ފެނި، އޯގާތެރި ކޮމިއުނިޓީއެއް ހޮސްޕިޓަލުގައި ގާއިމުކޮށް މުޅި މުޖުތަމައަށް ފޯރުކޮށްދިނުމަށް ވެސް ފަޒްނާ އެދިވަޑައިގެންނެވި އެވެ.