މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ލިބޭ އެކިއެކި ޢިނާޔަތްތައްވެސް މާ ބޮޑު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކާނަލް ނާޒިމް ވިދާޅުވީ މިހާރު އޮންނަ ގޮތުން، ކޮންމެ 5 އަހަރަކުން މަޖިލީހުގެ ޢަދަދަށް ބަދަލު އަންނައިރު، މަޖިލީހުގައި މިހާރު ތިއްބަވާ 87 މެންބަރުންނަށް ވެސް ދައުލަތުން ކުރާ ހޭދައަކީ މާ ބޮޑު މިންވަރެއް ކަމުގަ އެވެ. އަދި އެކަން އެހެން އޮތް އިރު، އެންމެ އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވި، އެކަށީގެންވާ ނަތީޖާ މަޖިލީހުން ނުނެރެވޭކަމުގަ އެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރެވޭނެ އެންމެ އެދެވޭ ރަނގަޅު ގޮތެއް ހޯދަންޖެހިފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ބައެއް ދާއިރާތަކުގައި ރަށްރަށް ވަކި ދާއިރާއަކަށް ލެވިފައިވާ ގޮތުން ރައްޔިތުންގެ ތަމްސީލުވުމުގައި ހުރި މައްސަލަތަކާއި ދާދި ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެތަކެއް ރައްޔިތުން އާބާދުވެ ދިރިއުޅެން ފަށާފައިވާއިރު، އެ ރައްޔިތުން ވެސް އެދެވޭ ގޮތަކަށް ތަމްސީލުކުރާނެ މަގެއް ހޯދަންޖެހޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނާޒިމްގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މެންބަރުންނަށް މުސާރައާއި އޭގެ އިތުރުން ލިބޭ އެކިއެކި ޢިނާޔަތްތައް ވެސް މާ ބޮޑުކަމަށާއި ދައުލަތުގެ ވަޒީރުންނަށް ވެސް މިވަރުގެ މުސާރައެއް ނުލިބޭތީ އެކަމަށް ވަނީ އިޝާރާތްކުރައްވާފަ އެވެ.

މަޖިލީހުގައި ރައްޔިތުން އެދެވޭ ގޮތުގައި ތަމްސީލު ކުރާނީ ފަސް ހާހުންތޯ، ނޫނީ ދިހަ ހާހުންތޯ ނުވަތަ ކިހާ މިންވަރަކުންތޯ ރަނގަޅަށް ނިންމެވުމަށާއި މަޖިލީހުގެ މެންބަރުންގެ ޢަދަދާއި މިކަމާ ގުޅޭ ކަންކަން ކަނޑައެޅުމުގައި ދައުލަތަށް މާލީ ބޮޑު ބުރައަކަށް ނުވާނެ ގޮތަކަށް މިކަން ހަމަޖެއްސުމުގެ ވިސްނުން ބެހެއްޓެވުމަށް ވެސް ނާޒިމް އެދިވަޑައިގެންނެވި އެވެ.