އަންނަން އޮތްޖީލުތަކަށް މިޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ދިވެހިންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ޤައުމެއް ބިނާވަނީ އެގައުމެއްގެ ބަހާތަކާއި ރުކުންތަކުގެ މައްޗަށް ކަމަށެވެ.

Ad
rt

އެގޮތުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާވެގެންވަނީ އިސްލާމްދީނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައިގެ މައްޗަށްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ގައުމިއްޔަތު ފޯރުކޮށްދެވޭނީ މިއަދުގެ ޖީލުން ދިވެހި ގައުމިއްޔަތުގެ ބަހާތައް ފުރިހަމަގޮތުގައި ނަގައި ދަމަހައްޓައިގެން ކަމަށެވެ.

ދުވާފަރު ދަންޑަހެލުގެ ވާހަކައަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ ވަރަށް މަދު ބޭފުޅުންކޮޅެއް ނުކުމެ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމުން ރާއްޖޭގައި ގައުމިއްޔަތެއް ބިނާވެގެންދިޔަކަމަށެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ މުޙައްމަދު ތަކުރުފާނު (އުތީމު ބޮޑުތަކުރުފާނު) ނިސްބަތްވާ ހއ. އުތީމުގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.