ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަނު ކުރައްވައިފިއެވެ.

އެ މަޤާމަށް އާޒާދު އައްޔަނު ކުރައްވާފައި މިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެ މަޤާމު ފުރުއްވަމުން ގެންދެވި ފާތިމަތު ރަޒީނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Ad
rt

އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފައިނޭންޝަލް ކޮންޓްރޯލާއަކަށް އައްޔަނު ކުރެއްވި އާޒާދު މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ، އެސްއޯއީ ރިފޯމް ކޮންސަލްޓެންޓަކަށެވެ. ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓެންޓްގެ މަގާމު ވެސް އޭނާ ކުރިން އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޑިމާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމެންޓްގެ މަގާމު ވެސް އޭނާ ކުރިން އަދާކުރައްވާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ ފައިނޭންޝިއަލް ކޮންޓްރޯލަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ރަޒީނާ އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ އިތުރަށް ތައުލީމު ހާސިލު ކުރެއްވުމަށްޓަކައި ކަމަށެވެ.