ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގައި ނެދަލެންޑްސްއާއި ބެލްޖިއަމުން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމާއި ވޭލްސް ބައްދަލުކުރި މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ބަޓްޝުޔާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑި ބްރޭނާއެވެ. މިއީ ޑި ބްރޭނާ ބެލްޖިއަމަށް ކުޅެދިން 92 މެޗުގައި ކާމިޔާބު ކޮށްދިން 25 ވަނަ ލަނޑެވެ. ބެލްޖިއަމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބަޓްޝުޔާއެވެ. މިއީ މެޗުގެ 37 ވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބަޓްޝުޔާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗު ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ތެރޭ ވޭލްސްއިން ވަނީ ލަނޑުޖަހާފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި ޖޯންޝަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކިއެފާ މޫރްއެވެ.
މި ގްރޫޕްގައި ރޭ ނެދަލެންޑްސްއާއި ޕޮލެންޑް ބައްދަލު ކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނެދަލެންޑްސްއެވެ.
މެޗުގެ ފުރަތަމަ ލަނޑު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފައި ވަނީ 10 ވަނަ މިނެޓުގައެވެ. މި ލަނޑު ޑަމްފްރައިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. ނެދަލެންޑްސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި ހެންސެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބާގްވިންއެވެ.
މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނާގައި ނެދަލެންޑްސް އޮތީ ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި އޮތް ބެލްޖިއަމްއަށް ލިބިފައި ވަނީ 5 މެޗުން 10 ޕޮއިންޓެވެ. މި ގްރޫޕުގެ އެއްވަނަ ކަނޑައެޅިގެންދާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ގްރޫޕްގެ ފަހު މެޗުގައި ނެދަލެންޑްސްއާއި ބެލްޖިއަމް ބައްދަލުކުރާ މެޗަށް ފަހުއެވެ. އެ މެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ބެލްޖިއަމަށް ވެސް އޮތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ގްރޫޕް އެއްވަނަ ހޯދުމުގެ ފުރުޞަތު ނެދަލެންޑްސްއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!