އޮއްސެންދިޔަ އިރުގެ އަލިން ކަނޑުގެ ސަތަހައަށް ހީވަނީ ރަންކުލަ ވިރުވާ އަޅާފައިވާ ހެންނެވެ. ކަނޑުގައި އުފެދެމުންދާ ކުދި ބާނިތަކަށް އޭގެ އަލި އެޅި ވިދުމެއް އެކުލެވިފައިވާ ކަހަލައެވެ. އެ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ އުޑުގައި ދަތުރު ކުރަމުންދިޔަ ކުލަކުލައިގެ ވިލާ ކޮޅު ތަކުންނެވެ. ދަނބު ކުލައާއި ފިޔާތޮށި އަދި އޮރެންޖު ވިލާތަކުން އެ މާހައުލު ފެންނަމުން ދިޔައީ ޖާދުވީ ގޮތަކަށެވެ.
އެ މަންޒަރަށް ނަޒަރު ހުއްޓައިގެން ގޮނޑުދޮށުގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. އުމުރުން ނަވާރަ ވަރަކަށް އަހަރުހެން ހީވާ އެ ކުއްޖާއަށް ލިބިފައިވަނީ ހިމަތޮޅި ހަށިގަނޑެކެވެ. ފަން އިސްތަށިގަނޑު އުނަގަނޑަށް ވުރެ ތިރިއަށް އޮތް އިރު އެ ވަރުގަދަ އިސްތަށިގަނޑުން ދިހުން ކުލަ އަރާހެން ހީވެއެވެ. އިރުގެ ރަން އަލި އެ މޫނަށް އެޅިފައި ހުރުމުން އިތުރަށް އެ އަލި މޫނުގެ ވިދުން އިތުރުވެފައި ވިއެވެ. މޫނުގައި އެންމެ ލަކުނެއް ވެސް ނެތްއިރު ފެންނަން އިނީ މަތީ ތުންފަތް ކައިރީ އިން ކަޅު ތިލަ އެކަންޏެވެ. އެ ކުއްޖާގެ ބައްޓަން ރީތި ހިމަ ބުމަ އިރު އިރުކޮޅާ ކައިރި ކޮށްލަނީ އަތުގައި އޮތް ފޮތަށް ބަލާލަމުންނެވެ. އެހެން އިނުމަށްފަހު ދެން ނަޒަރު ހުއްޓާލީ އަނެއްކާވެސް އޮއްސެމުން ދިޔަ އިރަށެވެ. އަދި އަތުގައި އޮތް ފަންސުރުން ކުރަހާލީ އުނގުމަތީ ބާއްވާފައި އޮތް އޭ.ފޯ ސައިޒް ކުރަހާ ފޮތުގައެވެ.
އެވަގުތު އޭނާއަށް ސިހުން ގެނުވީ ފަހަތުން ގަސްތައް ހެލިގެން ދިޔަ އަޑާ އެކުގައެވެ. ފަސްއެނބުރި ބަލާލި އިރު އެ ބޮޑު ދެލޮލުގައިވީ ބިރުވެރިކަމެވެ. އެ މައުސޫމް މޫނުން ނުތަވަސްކަން ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އިތުރަށް އެ މާހައުލުގައި މަޑުކުރަން އެ ހިތް ނޭދުނީ ހިތުގައި އުފެދުނު ޝައްކާއި ވަހުމުންނެވެ. ކުރަހަން ގެންގުޅުނު ފޮތް ލައްޕާލުމަށްފަހު ތެދުވެ ލައިގެން ހުރި ޖިންސުގައި ހަރުލާފައިވާ ވެލިތަށް އޭނާ އަތުން ފޮޅާލިއެވެ. އަދި ވެލިގަނޑުމަތީ ބަހައްޓާފައި ހުރި ފައިވާނަށް އެރުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ވީހާވެސް އަވަހަކަށް ގެއަށް ދާން ބޭނުންވެފައި ހުރެއެވެ.
"ދަރިފުޅު މިއަދު ވެސް ލަސްވީ ދޯ. މަންމަ ބުނީމެންނު އިރު އޮއްސުމުގެ ކުރިން ގެއަށް ވަންނާށޭ". ސިޓިންގް ރޫމުގައި އިން މައިރާ އަށް ގެއަށް ވަތް ޝެލިން ފެނުމުން ބުނެލީ ހިތްހަމަނުޖެހިފައެވެ.
"ސޮރީ މަންމަ. ދެން ލަހެއް ނުވާނަން. މިއަދުގެ ސަންސެޓް މާ ރީތިވީމަ ބަލަން އިނދެވުނީ". ގޭގެ ދޮރުމަތީ އަޅާފައި އޮތް ފައިފުހިން ފައިގާ ހުރި ފެންތައް ފުހެލުމަށްފަހު ޝެލިން އެތެރެއަށް ވަނެވެ.
"އަނެއްކާ ވެސް އަތިރިމައްޗަށް ދިޔައީތަ؟ ކިތައްފަހަރު ބުނެވިއްޖެ އިރުއޮއްސޭ ގަޑީގަ ނުދާށޭ. ކީއްވެތަ ޝެލިންއަށް އަޑު ނީވެނީ؟". މައިރާގެ އަޑު ބާރުވެގެން ދިޔުމާއެކު ޝެލިންގެ މޫނަށް ވެރިވީ މާޔޫސްކަމެވެ. ލަސް ހިނގުމެއްގައި އައިސް އޭނާ އިށީނީ މައިރާއާ ޖެހިގެން ސޯފާގައެވެ.
"ޒިކުރުތައް ކިޔައިގެންނޭ އަޅުގަނޑު އިނީ. މަންމަ ކީއްވެ ތިހާ ކަންބޮޑުވަނީ؟ ދޮންބެ އައީތަ؟". ގޭތެރެއަށް ނަޒަރު ހިންގާލަމުން ޝެލިން އަހާލިއެވެ. ޖަވާބުގައި މައިރާ ބޯ ހޫރުވާލިއިރު އަދިވެސް އެ މޫނުން ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރު ފާޅުވާން ހުއްޓެވެ.
"ރީތިތަ މި ކުރެހުން؟ އަދި ޕެއިންޓް ކޮށްލީމަ ވަރަށް ރީތި ވާނެ. މި ރަށަށް އައި ފަހުން ކެންވަސްއެއް ވެސް ނުލިބޭ. މިހާރު ދެން މިފޮތް ވެސް ހުސްވީ. މިރޭ ހިނގާބަލަ އަޅުގަނޑު ގޮވައިގެން އެއްކަލަ ފިހާރައަށް". ފޮތުގައި އޭނާ ކުރެހި މަންޒަރު މައިރާއަށް ދައްކާލަމުން ޝެލިން ބުނެލިއެވެ. ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވެފައި އިން ކަން އެ މޫނުން ހާމަވައެވެ. ލޮލުގައި އުފެދުނު ވިދުވަރާއެކު މައިރާގެ ޖަވާބެއްގެ އިންތިޒާރުގައި އިންފަދައެވެ.
މައިރާ އެ ކުރެހުމަށް ތައުރީފް ކޮށްލުމުން ޝެލިންގެ މޫނުގައިވި ހިނިތުންވުން އިތުރަށް ފުންވިއެވެ. ނަމަވެސް އޭނާގެ އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ކުރަހަން ގެންގުޅުނު ފަންސުރު ނެތްކަން އެނގުމާއެކުއެވެ. ވަގުތުން އެ މޫނުގެ ކުލަ އޮއްސުނީ އެއީ ޝެލިން އެންމެ ގަޔާވާ ފަންސުރަށް ވުމުންނެވެ. ނަމަވެސް އެވާހަކަ ދައްކާކަން އޭނާ ނޫޅުނެވެ.
އެވަގުތަކީ މައިރާގެ ދޮށީ ދަރިފުޅު މިކްޔާލް ގެއަށް ވަތް ވަގުތެވެ. ޖާޒީގައި ހުރުމުން ދެންމެ ކުޅެ ނިންމާލާފައި އައީކަން ޝެލިންއަށް އެނގުނެވެ. އެއާއެކު ދުވަން ފެށި ކުނި ސްޓާކީން ވަހުން އޭނާއަށް ނޭފަތުގައި ހިފަހައްޓާލެވުނެވެ.
"ކޮން އެކްޓެއް ތި ކުރަނީ. ޝެލީ ދުވަންދާ ޓެނިހަށް ވުރެ މީރު ވަސް ދުވާނެ މި ސްޓާކީނުގަ". ޝެލިން މޫނަށް ހަދާލި ގޮތް ފެނުމާއެކު މިކްޔާލް ބުނެލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ.
"ދޮންބެ އަޅުގަނޑަށް ކޮށްލި މަލާމާތެއް ދޯ. ޝެލީ ވެސް ގޮވައިގެން ހިނގާބަލަ ކުޅެން ދާއިރު. މަންމަ ހުންނަނީ ރުޅި އައިއްސަ ބޭރަށް ދިޔައިމަ. އެކަމަކު ގޭގެ ހުންނަން ވެސް އެހާ ފޫހި. ފްރެންޑެއް ވެސް ނެތް. ޑޭޓާ ވެސް ހުސްވެއްޖެ. ދެން ދޮންބެ ވައިފައި ލާން ވީ އެންނު. މިހެން އުޅެން ވެއްޖެނަމަ ދުވަސްކޮޅަކުން މޮޔަވެދާނެ. މިހާރު ވެސް އަބަދު ފޫހިވެފަ މި އިންނަނީ". ޝެލިން މި ދެތިން ދުވަހު ކުރާ ޝަކުވާ އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.
"ފޫހި ނުވާނެ އެންނު ޝެލީ ވެސް ރައްޓެހިން ހޯދީމަ. ވޮލީ ކުޅެން ވެސް ދޭ އަންހެންކުދިން އެތާ ކައިރި އޮންނަ ކޯޓަށް. އަބަދު ތި ފޮތް ނަގައިގެން އިނުން ކަމެއް ނުކުރަންޏާ ފޫހި ވާނެއެންނު". މައިރާ ކުސް ތަޅާލަމުން ބުނެލިއެވެ. އެއާއެކު މިކްޔާލް ހޭން ފެށިއިރު ޝެލިންއަށް ތުންކޮޅު ދަމާލެވުނެވެ.
މައިރާ އޭނާގެ ދެ ދަރިން ގޮވައިގެން އުފަން ރަށް ކަމަށްވާ ހދ. ކުމުންދޫ އަށް ބަދަލުވީ މީގެ ހަފްތާއެއް ކުރިންނެވެ. ޝެލިންގެ ކިޔެވުން ވެސް ނިމުމާއެކު އިތުރަށް މާލޭގައި މަޑުކުރަން ޖެހޭ ސަބަބެއް، އޮތް ކަމުގައި މައިރާ ނުދެކުނެވެ. ނަމަވެސް ރަށަށް ބަދަލުވުން އެއީ އެންމެ ރަނގަޅު ގޮތް ނޫންހެން ވެސް ބައެއް ފަހަރު އޭނާއަށް ހީވެއެވެ. ހާއްސަކޮށް ފުރާވަރުގެ އަންހެން ކުއްޖެއް ހުރުމުން އޭނާގެ ވިސްނުންތައް ގުޅިފައިވަނީ ޝެލިންއާއެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބެނީ މިކްޔާލް ހުންނާތިއެވެ. ބޮޑުވެފައި ހުރި ފިރިހެންކުއްޖަކު ހުރުމުން އޭނާއަށް އެކަމުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އިހްސާސްވެއެވެ.
މިކްޔާލް ދިޔުމުން މައިރާއާ ވާހަކަ ދައްކަން އިނުމަށްފަހު ޝެލިން ވެސް ތެދުވިއެވެ. ކޮޓަރިއަށް ވަތް އިރު ދޮރު ފޮތިތައް ވަޔާ ހެލެމުން ދިޔަ މަންޒަރު ފެނުމުން އޭނާ ހިނގައިގަތީ އެ ދިމާލަށެވެ. އަތުގައި އޮތް ފޮތް ކުޑަދޮރު ކައިރީ ހުރި ސޯފާމަތީ ބޭއްވުމަށްފަހު ބޭރަށް ބޯ ދިއްކޮށްލި އިރު ވައި ބާރުވެފައިވީ ސަބަބު ޝެލިންއަށް ދެނެގަނެވުނެވެ. އުޑުމަތި ކަޅު ކޮށްލާފައިވާ ވިލާގަނޑުން އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. އެ މަންޒަރަށް ގެއްލިފައި ހުރެ ޝެލިން އޭނާގެ ކަނާތް ބޭރަށް ދިއްކޮށްލީ ވާރޭގެ އެ އިހްސާސް ކޮށްލަން ހިތްއެދުނު ވަރުންނެވެ.
ކުއްލިއަކަށް ކޮޓަރީގެ މައި ދޮރު ލެއްޕުނު ބާރު އަޑާއެކު ޝެލިންއަށް އަތް ދަމައިގަނެވުނެވެ. އެވަގުތު ވާރޭ ބޯ ކޮށްލުމާއެކު އޭނާ ކުޑަ ދޮރުވެސް ލައްޕާލިއެވެ. އަދި ދޮރު ފޮތިތައް ކަހާލުމަށްފަހު ގޮސް ހުއްޓިލީ އަލަމާރި ކައިރީގައެވެ. އޭރު އެ ހިތް ނުހަނު ބާރު މިނެއްގައި ތެޅެމުން ދިޔަކަން އިހްސާސް ވުމާއެކު ޝެލިން ދޫކޮށްލީ ފުން ނޭވާއެކެވެ. ހިތާއި ދިމާލުން މޭގައި ފިރުމަމުން އޭނާ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ތުންފަތުގައި ދުވެލީ ހިތްގައިމު ހިނިތުންވުމެކެވެ. އަލަމާރި ތެރޭ ބަހައްޓާފައި ހުރި ކުޑަ ފޮޓޯ ފްރޭމް ލޮލުގައި އަޅައިގަތުމާއެކު އޭނާ ފްރޭމް ނެގިއެވެ. ކުރަން އުޅުނު ކަންތައް ހަނދާނުން ފޮހެވުނު ފަދައަކުން ގޮސް ޝެލިން އިށީނީ ސޯފާގައެވެ.
އޭރު ވެސް ފެހި ކުލައިގެ ކަޅީގެ އެ ތޫނު ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފްރޭމަށެވެ. އެ ފްރޭމުގައި ހުރި ފޮޓޯގައި ވަނީ ތުއްތު ކުއްޖެއްގެ ފޮޓޯއެކެވެ. ފޮޓޯގެ ތިރީގައި "ޝެލީ އެންޑް ބައްޕި" ލިޔެފައި އޮތީ ނުފަރިތަ އަތުލިޔުމަކުންނެވެ. ފޮޓޯގައި އިން ތުއްތު ޝެލިން އޮތީ ބާރުގަދަ ދެއަތެއްގެ ތެރޭގައި ލޯބިވެތި ގޮތަކަށް ނިދާފައެވެ. ދެރައީ އެ ފޮޓޯ ގައި ވެސް ޝެލިންގެ ބައްޕަ އިވާންގެ އަތް ފިޔަވާ އިތުރު ތަނެއް ފެންނަން ނެތުމުންނެވެ.
އުމުރުން ނަވާރަ އަހަރު ފުރުނު އިރުވެސް ޝެލިންއަށް އިވާން ފެނިފައި ނެތެވެ. ހަމައެއާއެކު މިކްޔާލްގެ ސިކުނޑީގައި ވެސް އިވާންގެ އެއްވެސް ހަނދާނެއް ނެތީ އޭރު މިކްޔާލްގެ އުމުރުން ހަނގުވުމުންނެވެ. އެހެންކަމުން ދެކުދިންގެ ކުރެ ކުއްޖެއްގެ ހަނދާނުގައި އިވާންއެއް ނެތެވެ.
މައިރާގެ އިވާންއާ ކައިވެނި ކުރީ މިކްޔާލްގެ ބައްޕަ، ޖުމާން ކައިރިން ވަރިވެގެންނެވެ. އަދި އެ ވަރިއަކީ ޖުމާން ވެސް ބޭނުންވެގެން ހިނގި ކަމެއް ކަމުން އަދިވެސް ޖުމާންއާ މައިރާގެ ދެމެދުގައި އެކުވެރިކަން ވިއެވެ. އެ އެކުވެރިކަމުގެ އިތުރުން މިކްޔާލްގެ ބައްޕަގެ ހައިސިއްޔަތުން ޖުމާން ގެއަށް އަންނަލެއް ގިނައެވެ.
އިވާން ނިޔާވީ ޝެލިންއަށް ދެ މަހުގައި ކަން މައިރާ ބުނެދިނީ ޝެލިންގެ އުމުރުން ތޭރަ އަހަރު ފުރުމުންނެވެ. އަދި އިވާންއަކީ އެމީހުންނާ ހިލާފަށް ސްކޮޓްލޭންޑްއަށް ނިސްބަތްވާ މީހެއްކަން ބުނެދިން އިރު ޝެލިން ވައްތަރީ ވެސް އިވާންއާ ކަމުގައި ކިޔައިދިނެވެ. އޭނާއަށް ލިބިފައިވާ ހުދު ހަންގަނޑާއި ފެހި ކުލައިގެ ކަޅި އަކީ އިވާންގެ ފަރާތުން ވާރުތަކުރި ސިފަތަކެވެ. އޭގެ ކުރިން އިވާންގެ ވާހަކަ ދެއްކުމަކީ މައިރާ ކުރި ކަމެއް ނޫނެވެ. ކުޑަ އިރުއްސުރެ ވެސް ޝެލިންއަށް އެކަން ވިސްނިފައި އޮތުމުން މައިރާއާ އެ ސުވާލު މާގިނައިން ކުރުމަކީ ޝެލިން ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. ނަމަވެސް ޝެލިން އަށް އަބަދުވެސް ފާހަގަވީ މައިރާގެ ހިތުގައި އިވާންއަށް ފުން ލޯތްބެއް ވާކަމެވެ. މައިރާގެ ލޮލުން ކިތަންމެ ފަހަރެއްގެ މަތިން ޝެލިންއަށް އެވޭން ފެނިފައި އެބަހުއްޓެވެ. އިވާންގެ ވާހަކަ ކިޔައިދެންޏާ މައިރާގެ ތުންފަތަށް ވެރިވާ ހިނިތުންވުން އެކަނިވެސް އެކަމަށް ހެކިދެއެވެ.
ހިޔާލުތަކުގައި އިން ޝެލިންގެ ލޮލުން ވެއްޓުނު ކަރުނަތިއްކާއެކު ފްރޭމާއި ނަޒަރު ވަކި ކޮށްލެވުނެވެ. އެވަގުތު ސޯފާއިން ތެދުވުމަށްފަހު ކުރިން ވެސް ފްރޭމް ހުރި ތަނުގައި އޭނާ ފްރޭމް ބެހެއްޓިއެވެ. އަދި އަލަމާރިން ނެގި އަތް ދިގު ޓީޝާޓާއި ހަރުވާޅު ނެގުމަށްފަހު އެނދުމަތީ ބޭއްވިއެވެ. ހަރުގަނޑުން ނެގި ތުވާލި ހިފައިގެން ގޮސް އޭނާ ވަނީ ފާހާނާއަށެވެ.
ފާހާނާގައި ހޭދަވި ދިހަ މިނިޓަށް ފަހު ޝެލިން ނުކުތް އިރު އެ މޫނުން ފެންނަނީ ތާޒާކަމެވެ. މެޔާއި ހަމައިން އޮޅާލާފައިވާ ތުވާލީ އަރަނީ ކަކުލާ ހަމައަށެވެ. ރީތި ރާގަކަށް ތުމުން ފުމެމުން އައިސް އޭނާ އެނދުގައި އިށީން އިރު އެއް އަތުގައި ލޯޝަން ފުޅި އޮތެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމެން ދިޔަ އަޑު އިވިއިވި ހުރުމުން މަޑު މިއުޒިކެއް ފަދައެވެ. މާހައުލަށް ވެސް ފިނިކަން ވެރިވެފައި އޮތް އިރު ޝެލިން އިނީ ހީކަރުވާ ގޮތްވެފައެވެ.
ކުއްލިއަކަށް ކުޑަދޮރުގައި ބާރު އެއްޗެއް ޖެހުނު އަޑާއެކު ދޮރު ހުޅުވުނެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ކޮޓަރިތެރެއަށް ވާރޭ ތިކި ތަކުގެ ހަމަލާ އަންނަން ފެށިއިރު ޝެލިންގެ ދެލޯ ބޮޑުވެއްޖެއެވެ. ދޮރު ލެއްޕުމެއްނެތި އޭނާ ބެލީ އެނދުމަތީ ހުރި ހެދުންތައް ލެވޭތޯއެވެ. އޭރު ކުޑަ ދޮރާއި ދިމާލަށް ހުރި ސޯފާގެ ބޮޑު ބައެއް ތެމިއްޖެއެވެ.
ދުވެފައި ގޮސް ދޮރުލެއްޕި އިރު ޝެލިންގެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ. އެއާއެކު ކުޑަދޮރުގައި ޖެހުނީ ކޯއްޗެއްތޯ ހިތާ ހިތުން ސުވާލުކޮށްލެވުނެވެ. ކުޑަދޮރުން ބޭރުގައި ހަރުކޮށްފައިވާ ލައިޓް ވެސް އަނދާފައި ހުރިކަން އޭނާއަށް އެނގުނީ ދެނެވެ. ކުސް ތަޅާލެވުމާއެކު ކުޑަދޮރުގައި ލޯ ޖައްސައިގެން ހުރެ ބަލަންފެށީ އެދިމާލަށް ވެއްޓިފައި ނަމަވެސް އެއްޗެއް އޮތްނަމަ ފެނިދާނެކަމުގައި ވިސްނިގެންނެވެ. ނަމަވެސް އެ ސަރަހައްދަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އެއްޗެއް ފެންނަ ވަރެއް ނުވުމުން ޝެލިން ދުރަށް ޖެހިލިއެވެ.
ދެން އޭނާ ބަލާލީ ތެމިފައި ހުރި ސޯފާއާ ދިމާލަށެވެ. މައިރާ ކައިރީ ބުނެފިނަމަ ކުށްވެރިވާނީ ޝެލިންކަން ޔަގީނެވެ. ދޮރު ތަޅުލާފަ ހުރިކަމުގައި ބުންޏަސް މައިރާ ގަބޫލެއް ނުކުރާނެއެވެ. ސޯފާމަތީ އޮތް ކުރަހާފޮތް ޝެލިންގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެ ރީތި ދެލޯ ފެންކަޅި ވެގެންދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަވަސް ހަރަކާތަކާއެކު ފޮތް ނެގި އިރު ތުންފިއްތާލެވުނެވެ. ވެހުނު ވާރޭގައި ފޮތް ވެސް ތެމުނީއެވެ. އެ ގަނޑުތައް ހިކުނު ނަމަވެސް އިހު ހުރި ގޮތަށް ނުހުންނާނޭކަން ޝެލިންއަށް ޔަގީނެވެ.
އިތުރު ވިސްނުމަކަށް ނުގޮސް ފޮތް ހިފައިގެން ގޮސް އޭނާ އިށީނީ އެނދުމަތީގައެވެ. ދެފައި ވަށްކޮށްލަމުން އެނދުގައި ހަމަޖެހިލީ ހެޑްބޯޑު ކައިރީ ހުރި ސްވިޗަށް ހެޔަރ ޑްރަޔަރ ގެ ވާގަނޑު ގުޅާލުމަށްފަހުއެވެ. ވަކި ވަކިން ފޮތުގެ ގަނޑުތައް ވަކި ކުރަމުން ހިއްކަމުން ގޮސް ޝެލިންގެ ހަރަކާތްތަށް މަޑުޖެހުނީ އެންމެ ފަހަށް އިން ކުރެހުން ފެނުމުންނެވެ. އެއީ މިއަދު އިރުއޮއްސުނު އިރު އޭނާ ކުރެހި ކުރެހުމެވެ. މޫނަށް ހައިރާންކަން ވެރިވީ ކުރެހުމަށް އައިސްފައިވާ ބަދަލު ފެނުމުންނެވެ.
އެހެން ގަނޑުތަކަށްވުރެ ބޮޑަށް އެ ގަނޑު ތެމިފައި ހުރިކަން ޝެލިންއަށް ފާހަނގަވިއެވެ. ފަންސުރުން ކުރަހާފައިވާ އެ ކުރެހުން ހުރީ ބޮޑުކޮށް ފޭދިފައެވެ. ފެންނަން ހުރީ ހަމައެކަނި އޭނާ ކުރެހި އިރުއޮއްސޭ މަންޒަރު ނޫންހެން ހީވިއެވެ. ފުސްގޮތަކަށް އަތިރިމަތީ އިށީނދެ އިން އަންހެންކުއްޖާ ޝެލިންއަށް ސިފަކޮށްލެވުނެވެ. އެއާއެކު އިހުނަށްވުރެ ފޮތާއި މޫނު ކައިރިކޮށްލަމުން އޭނާ ދެތިން ފަހަރު އެސްފިޔަ ޖަހާލިއެވެ. ކިތަންމެ ދެލޯ ބޮޑުކޮށްގެން ބެލި ކަމުގައި ވިޔަސް އެ ނޫން އެއްޗެއް އެކުރެހުމުން ޝެލިންއަށް ސިފަ ނުކުރެވުނެވެ. އެއީ އިއްތިފާގަކަށް ވެދާނެ ހެއްޔެވެ. ކުރެހުން ފޭދިފައި ހުރި ގޮތުން ފަހަރެއްގައި އެގޮތަށް ޝެލިންއަށް ހީވަނީ ކަމުގައި އެންމެ ފަހުން ނިންމާ ނަފްސު ހަމައަކަށް އަޅުވާލި ނަމަވެސް އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.
** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!