ކުޑަ ފިރިހެންކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މި ވީޑިއޯއިން ފެންނަނީ "ފިރިހެންކުޅި" ޖަހާފައިވާ ކާޑު ބޯޑު ގަނޑެއް އެމީހާ އަތަށްދީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދުގައި އޭނާ އަށް އަނިޔާކުރާ ތަނެވެ. ފެންނަ ފެނުމަށް އެމީހާ އަކީ އުމުރުން 25 އަހަރާއި 28 އަހަރާއި ދެމެދުގެ މީހެއް ކަމަށް ބެލެވެއެވެ.
އެ ވީޑިއޯއިން އެނގޭ ގޮތުގައި އެމީހާ ކުދިންނަށް ޖިންސީ ގޯނާ ކުރީ ޓިއުޝަން ނަގައިދޭން ކަމަށް ބުނެ ގެންގޮސްގެންނެވެ. އަދި އޭނާ ޓިއުޝަން ދޭން ބުނީ ވެސް އަމިއްލައަށް ކަމަށާއި، އެއީ ގާޒީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށް ވެސް އެނާ އާ ދިމާލައަށް ހަޅޭއްލެވި މީހުން ބުނާތީ ވީޑިއޯއިން އަޑު އިވެއެވެ.
އެކަމަކު އެމީހާ އައީ ގިނަ ކުދިންތަކަކަށް ގޯނާކުރި ކަމަށް އިންކާރުކުރަމުންނެވެ. އޭނާ ބުނާގޮތުގައި އޭނާ ގޯނާކުރީ އެންމެ ކުއްޖަކަށެވެ. ވީޑިއޯގެ އަޑުން އެނގޭ ގޮތުގައި އޭނާ މި އަމަލު ހިންގާފައި ވަނީ ގްރޭޑް 4 ގައި އުޅޭ އުމުރުން 12 އަހަރުގެ ކުދިންތަކަކާ މެދުގައެވެ. އަދި އެކުދިން ގްރޫމް ކުރުމުގެ ގޮތުން ޗޮކްލެޓް ދޭނަމޭ ބުނުމާއި، ލަދު ނުގަތުމަށް ބުނެ އެކި ކަހަލަ ވާހަކަ ދައްކާފައިވާ ކަމަށް ވެސް ވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާ ކަމުގެ ރިޕޯޓް މިރޭ 22:00 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
''އެމީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން'' ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!