އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކުގެ އަދަބު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ 22 ވަނަ މާއްދާގައި ބޮޑެތި ކުށުގެ ގޮތުގައި ހިމަނާފައިވަނީ 12 ކުށެކެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ޓެރަރިޒަމާއި މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށް ހިމެނެއެވެ.

Ad
rt

އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ދަރަޖަކޮށްފައި ވަނީ ޖިނާއަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. މިއީ ދެ އަހަރަށް ވުރެން ގިނަ ނޫން ޖަލު ހުކުމެކެވެ. އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވެ، މިހާރު ޖަލަށް ލެވޭ އެންމެ ދިގު މުއްދަތަކީ އެއް އަހަރެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ދެ މީހަކު ރުހުމުގައި ކޮށްފައިވާ ނަމަ އަދަބަކީ 5 އަހަރާއި 7 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ އަމަލު ހިންގީ އެ ތަނުން އެކެއްގެ ނުރުހުމުގައި ކަމުގައިވާ ނަމަ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެކެވެ.

މިކަމާ ގުޅިގެން ގާސިމް ވިދާޅުވީ މިއީ ޒިނޭ ފަދަ ފާހިޝް އަމަލެއް ކުރުމުން އިސްލާމީ ޝަރީއަތުގައި އަންގާފައިވާ ޝަރުއީ އަދަބަށް ބަލާއިރު ވަރަށް އާދައިގެ ތައުޒީރީ އަދަބެއް ކަމަށެވެ.

ގާސިމް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލު ކުރާ ފަރާތްތައް ތަހުގީގީ މަރުހަލާއަށްފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް އެ ނުރައްކާތެރި ވަހުޝީ އަމަލު އެހެން ބަޔަކާއެކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގާސިމް މި އިސްލާހު ހުށަހަޅާފައި މިވަނީ ސިޔާސީ މީހުންނާއި، އެކި އޮފީސްތަކާއި މަގާމުތަކުގައި ތިބި މީހުން ބިދޭސީ އަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވަނިކޮށެވެ. އެކަމަކު އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ނޫން އެންމެން ވަނީ ދޫކޮށްލާފައެވެ.