ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ 85 ވަނަ ފުރާވަރު ކޭމްޕެވެ. ފުނަދޫ ސްކޫލްގެ 117 ދަރިވަރުން ވަނީ މި ކޭމްޕު ފުރިހަމަކޮށްފައެވެ.

Ad
rt

ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދެވެ.

މި ރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޢަބްދުއް ރަހްމާން، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ކްރައިމް ޕްރިވެންޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ރަމްޒީ އަދި ށ. އަތޮޅު ކޮމާންޑަރުގެ އިތުރުން ފުނަދޫ ސްކޫލްގެ ޕްރިންސިޕަލް ފާޠިމަތު ހަފްސާއާއި ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ފުރާވަރު އުމުރުގެ މުހިންމުކަމާ އަދި މި އުމުރަކީ ސަމާލުވާންޖެހޭ އުމުރެއްކަމަށް ފާހަގަ ކުރަށްވައި، ދަރިވަރުން ކަމެއް ކުރުމުގެ ކުރިން ބޮޑެތި މީހުންގެ ލަފާ ހޯދުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކޮންމެ ދަރިވަރަކުވެސް ތައުލީމީ ހަޔާތްނިންމައި ރަނގަޅު ބަޔަކަށް ވެގެން މަގާމުތަކުގައި ތިބޭތަން ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ކޭމްޕުން ދަސްވިކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވިއެވެ.

މި މަހުގެ 18 އިން 20 އަށް ފުނަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ފުނަދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕްގެ ތެރެއިން، ފޮޓޯ: ޕޮލިސް

މީގެ ތެރޭގައި ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ.

އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވަގުތަކީ އަގުހުރި އެއްޗެއްކަން ބުނެދީ އަބަދުވެސް ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ. އަދި ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ.

މީގެ އިތުރުން ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ

މި ކޭމްފުގެ ތެރެއިން ސްކޫލްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ 84 ވަނަ ފުރާވަރު ކޭމްޕު ނިންމާލާފައި ވަނީ މިދިޔަ ހަފުތާގައެވެ. ހއ. އުތީމުގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، މުރައިދޫ ސްކޫލް، ވަށަފަރު ސްކޫލް ފިއްލަދޫ ސްކޫލު އަދި ކުރިނބީ ސްކޫލްގެ ދަރިވަރުން ހިމެނޭހެން 131 ދަރިވަރުން ބައިވެރިވިއެވެ.