ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ނެއްލައިދޫ ކައުންސިލް ކަޕް 2022" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މިއަދު ހަވީރު ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ދުންމާރިއާއި ކުލަބް ރެފިއުޖީއެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ރެފިއުޖީއެވެ. މި މެޗުގައި ރެފިއުޖީ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ސާވިން، ނާފިޒް، ފަޔާޒްގެ އިތުރުން މުއާޒެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ އެފްސީ ފެލްކަން، އެފްސީ ދުންމާރި، ކުލަބް ރެފިއުޖީ، އެފްސީ ފްރެންޑްސްގެ އިތުރުން ނިކަސިޓީ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ ދެވަނަ މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ އެފްސީ ފްރެންޑްސްއާއި ނިކަ ސިޓީއެވެ.

މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ކުޅެމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 7000 (ހަތްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ވެސް އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފާއިތުވި އަހަރުތަކުގައި ބޭއްވުނު މުބާރާތްތަކާއި ޚިލާފަށް މި އަހަރުގެ މުބާރާތުގައި ބެސްޓް ސަޕޯޓާރސް ޓީމް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދިވެހި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅުމަށް ހިންގާ މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި އެޅި ޓާފްދަނޑުގައި ބާއްވާ މިފަދަ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.