ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަ ތައްޔާރުވެއްޖެއެވެ.
ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ގިނަ ކުޅިވަރުތައް ހިމެނެއެވެ.
މިގޮތުން 09 ޖުލައި 2022 ވަނަ ދުވަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ފަހު ކުލަމަޖާ ކުޅުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެ ދުވަހު ޢީދު ސައި ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ.
10 ޖުލައި 2022 ވަނަ ދުވަހު ހެނދުނު ގުލިސްތާނު ނަމުގައި ލަވަބާޒީ ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު އެ ދުވަހުގެ ހަވީރާއި ރޭގަނޑު ކުޑަކުދިންގެ ޢީދު ޝޯ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޢީދުގެ މުނާސަބަތުގައި ބާއްވާ ވާދެމުގެ މުބާރާތްގެ ފެށުން ވެސް އެ ރޭ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
11 ޖުލައި 2022 ވަނަ ދުވަހު ވެސް ހެނދުނު ކުރިއަށް ގެންދިޔުމަށ ހަމަޖެހިފައި ވަނީ ގުލިސްތާނުގެ ނަމުގައި ކުރިއަށް ގެންދާ ލަވަބާޒީއެވެ. އެއަށްފަހު އެ ދުވަހުގެ ހަވީރާއި ރޭގަނޑު ކުޑަކުދިންގެ ޝޯ ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު، އެ ރޭ ވެސް ވާދެމުމުގެ މުބާރާތް ކުރިއަށްދާނެއެވެ.
12 ޖުލައި 2022 ވަނަ ދުވަހުގެ ހަރަކާތަތްކަށް ބަލައިލާއިރު އެ ދުވަހުގެ ވެސް ހެނދުނު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ލަވަބާޒީ މުބާރާތެވެ. އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑު ކުރިއަށް ދާނީ ވާ ދެމުމުގެ މުބާރާތެވެ.
13 ޖުލައި 2022 ވަނަ ދުވަހު ލަވަބާޒީގެ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަށެއް ދުވުމުގެ މުބާރާތެވެ. ވާދެމުމުގެ މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!