ދިވެހިރާއްޖޭން މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖޭން ފުރިއިރު އަލްވަދާޢު ވިދާޅުުވުމަށް ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގެން އަލްވަދާޢު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އެ އެބޭފުޅުންގެ ޙާލު އޮޅުން ފިލުއްވިއެވެ.
ޙައްޖުގެ އަޅުކަމަށް މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައި ވާއިރު ރައީސް އަރިހުގައި، މި އަހަރުގެ އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައި ވާއިރު ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ އެވެ. އެހެން ކަމުން މި ހުރިހާ ޖާގައެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާފައި ވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނީ މިމަހުގެ އަށް ވަނަ ދުވަހެވެ. ސައުދީ އަރަބިއާގެ މައްކާގައި ޤާއިމު ކޮށްފައިވާ ރާއްޖޭގެ ޙައްޖު މިޝަނުން ބުނީ ހައްޖަށް ގޮސްތިބި ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!