މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކުން ތިން ގޮނޑިއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކޮށްފިއެވެ.
މިއަދުގެ އިންތިޚާބުގައި 4 ރަށެއްގެ ކޮމެޓީތަކަށް 5 މެންބަރަކު އިންތިޚާބު ކުރިއެވެ.
މިގޮތުން ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ.
ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް މަރްޔަމް ޢަބުދުﷲ އާއި ވާދަ ކޮށްގެންނެވެ. ޒުހުރާއަށް 152 ވޯޓު ލިބުނު އިރު މަރްޔަމް އަށް ލިބުނީ 88 ވޯޓެވެ.
މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ތަކުގައި އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެމްޑީޕީގެ އައިމިނަތު މަޖުދާ އެ ގޮނޑި ކާމިޔާބު ކުރީ 315 ވޯޓު ހޯދައިގެންނެވެ. އޭނާ އާއި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު އަރީފާއަށް 247 ވޯޓު ވަނީ ލިބިފައެވެ.
މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި މިޕާޓީގެ އއ.ތޮއްޑޫ ކެންޑިޑޭޓް އައިމިނަތު މަޖުދާ، ށ.ޅައިމަގު ކެންޑިޑޭޓް މަރްޔަމް ޒުހުރާ އަދި ށ.ކޮމަންޑޫ ކެންޑިޑޭޓް އައިޝަތު ވަޙީދާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން . pic.twitter.com/BqwXoJsr40
— MDP Secretariat (@MDPSecretariat) July 2, 2022
ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވެސް އެއް ގޮނޑި ކާޔާބު ކުރީ އެމްޑީޕީންނެވެ. އެ ގޮނޑި ކާމިޔާބު ކުރީ 288 ވޯޓު ހޯދި އައިޝަތު ރަޝީދާއެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ 334 ވޯޓުން އެމްއެންޕީގެ ޒަޢީމާ އާދަމްއެވެ.
ކ. ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެންޑިޑޭޓެއް ކަމަށްވާ ޢާއިޝަތު ރަޝްދާ އެވެ. އޭނާ އަށް 300 ވޯޓު ލިބުނެވެ. އެ ގޮނޑިއަށް އިތުރު ތިން ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު ރަޝްދާއާއި އެންމެ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓު ފާތިމަތު ނަދާއަށް ލިބުނީ 225 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!