ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭހެން މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ތަސްދީގު ނުކުރެެއްވުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިލައްވައިފި އެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެކައުންސިލުން ވިދާޅުވީ، އެބިލާއިމެދު ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްފައިނުވާތީ، ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަށް، އެދި އެކައުންސިލުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ފޮނުވި މި ސިޓއާއެކު، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކޮމެންޓްތައް ހިމެނޭ ކަރުދާހުގެ ކޮޕީއެއްވެސް އެމަނިކުފާނުގެ މައުލޫމާތަށްޓަކައި ފޮނުވާފައިވާނެ ކަމަށް އެކައުންސިލުން ވިދާޅުވި އެވެ.
އެކައުންސިލުން ވިދާޅުވީ، ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް ކަމުގައެވެ.
އެކައުންސިލުގެ ހުރި ކަންބޮޑުވުންތައް، ރައްޔިތުންގެ މަޖިލީހާއި ކަމާ ގުޅުންހުރި އެންމެހާ ފަރާތް ތަކާވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރ ކޮމިޓއިން ދެއްވި ފުރުސަތުގައި އެކައުންސިލުންވާނީ، މި މާއްދާއާ ގުޅޭ ކަންބޮޑުވުންތައް ކޮމިޓީއަށް ހިއްސާކޮށް މަޝްވަރާކޮށްފައިކަމަށް ވިދާޅުވެ އެވެ.
“ނަމަވެސް، އެ މަޝްވަރާތަކުގެ އަލީގައި ކޮމިޓީން އަލުން އެކުލަވާލި މާއްދާގެ ޑްރާފްޓަށް ކޮމެންޓް ކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމެއްނެތި، އަދި މި ކައުންސިލުން 29 ޖޫން 2022 ގައި ފޮނުވާފައިވާ ކޮމެންޓްތަކަށް ރިޢާޔަތްނުކޮށް، ކޮމިޓީން ބިލުގައި އެ މާއްދާ ހިމަނާފައިވާގޮތަށް މަޖިލީހުގައި ބިލު ފާސްވެގެންދިޔުމީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިގެން ގޮސްދާނެކަމެއްކަން ފާހަގަކުރަން”
އެކައުންސިލުން ވިދާޅުވި އެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލު ދިރާސާ ކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީންނެވެ. ޖުޑިޝަރީ ކޮމިިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ހުށަހެޅި ރިޕޯޓަށް 15 އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވެއެވެ. އަދި އެ އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.
އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!