މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ދިން ހަމަލާ އަކީ އާންމު ދިރިއުޅުމަށް ބުރޫ އަރާ ފަދަ އަމަލެއް ކަމަށާއި އެކަންކަމުން ގައުމު ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވީ މިއަދު ކޮންމެ ދިވެއްސަކަށް ވެސް ހަރާމުގެ މަގަށް އެނބުރެވެން އެބަ އޮތް ކަމަށާއި ސަލާމަތުގެ އައްސޭރިއަށް ދެވެން ވެސްއެބައޮތް ކަމަށެވެ. އަދި ޒަމާނުއްސުރެއް ފަށައިގެން މި ރާއްޖޭގައި ރައްޔިތުން ދިރިއުޅެމުން އައި ގޮތާއި، ގަބޫލުކުރަމުން އައި ފަލްސަފާއާއި ދީނީ އަގީދާ އަކީ އެއްވެސް ހާލެއްގައި ބައެއްގެ ސިޔާސީ ބޭނުމަށް ބަދަލުކުރެވިގެން ވާނެ އަގީދާއެއް ނޫން ކަމަށެވެ.

މި ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމްކަމެކޭ, ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފުކަމެކޭ, މި ބާވަތުގެ ވާހަކަ ދައްކާ, އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެދަނީ ސަލާމަތުގެ އައްސޭރި އަކަށް ނޫން،

އެމަނިކުފާނު ވިދާޅުވީ ހަލާކުގެ އައްސޭރިއަށް ގޮސްފައިވާ ގައުމުތައް ފެނިވަޑައިގެންފައިވާ ކަމަށާއި އެ ގައުމުތައް ބާކީވެ އެކަހެރިވެގެން ގޮސްފައިވާތަން ވެސް ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ އެ ހާލަތަށް ދިއުމަށް ޖާގަ ދެވިގެން ނުވާނެ އެވެ. އަދި ދިވެހިން އެދޭ ފަދަ ރާއްޖެ އެއް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުގެ ވެސް އަމާޒެވެ.