"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބަތިލުކޮށްފިއެވެ.

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށެވެ. އޭނާ އަށް އީސީން އެ ހުއްދަ ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ.

Ad
rt

އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދަޅުވީ، އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އީސީން ސައީދަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާކަމަށެވެ. އެހެންވެ އެ ހުއްދަ އީސީން ބާތިލްކޮށްފައިވާ ކަމަށް އޭނާ ވިދަޅުވިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެޕަޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ މަދުވެގެން 3000 މީހުންގެ ސޮއި ހޯދާ ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީކޮށްފައި ވަނީ 11 ޕާޓީ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، އެމެއެންޕީ، ޑީއާރްޕީ، އެމްޑީއޭ، އެމްޓީޑީ، ޕީއެންސީ، އެމްއެސްއެލްޑީޕީ އަދި އެމްއާރްއެމް އެވެ.

މީގެ ތެރެއިން 10،000 މީހުން ހަމަވަނީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އަދާލަތު ޕާޓީގައެވެ.