މާލޭގެ ގޯއްޗެއްގައި ހުރި މުރަނގަފަތް ގަހަކުން ވަގަށް މުރަނގަ ފަތް ބިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވާ މީހާ އަދިވެސް ނުފެންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން "ތިލަދުން" އަށް ވިދާޅުވީ، ތަކުރާރުކޮށް ވަގަށް މުރަނގަފަތް ބިންނަ މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށެވެ.
ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި ގަހަކުން މަގުމައްޗާވީ ފަޅުން ފަތް ބިންނަ ވީޑިއޯ އާންމުކޮށް، އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައިވާތާ މާދަމާ އަށް 7 ދުވަސް ވާނެ އެވެ.
އެވީޑިއޯއިން ފެންނަނީ މިއަހަރުގެ ފެބްރުއަރީ 8، ގައި ހިނގި ކަމެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި، އެކި ދުވަސްމަތިން އެ މީހާ އެގަހުން މުރަނގަފަތް ބިން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
ގަލޮޅުގެ ފުލުހުން ކުރިއަށްގެންދާ ތަހުގީގުން މިހާތަނަށް ވެސް އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެ އެވެ. އެހެންވެ، ފުލުހުން ވަނީ ވީޑިއޯއެއް އާންމުކޮށް އެ މީހާ ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.
ފެންނަ ފެނުމަށް ބަލާއިރު އެމީހާއަކީ މެދު އުމުރުގެ ދިވެހި ފިރިހެނެކެވެ. ފަތް ބިންނަނީ މަގުމައްޗަށްވާ ގޮތަށް އެލިފައި އޮތް އޮފިގަނޑަކުންނެވެ.
އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!