ހއ. ކެލާގައި ޓްއަރިސްޓް ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފިއެވެ.
ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހއ. ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި މި ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ސާދަ ބިމެއް ދޫކުރުމަށް ކައުންސިލުން އިޢުލާނު ކުރި ނަމަވެސް އިއްޔެ ޙަވާލު ކޮށްފައިވަނީ އޭގެތެރެއިން 11 ބިމެކެވެ.
އެއީ ގެސްޓް ހައުސް ޢިމާރާތް ކުރުމަށް ދޫކޮށްފައިވާ ފަސް ހާސް އަކަ ފޫޓުގެ 10 ބިމާއި ދިހަ ހާސް އަކަ ފޫޓުގެ ބިމެކެވެ. މިއީ މިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މި ވަގުތަށް ބީލަން ކާމިޔާބު ކުރި އެންމެ ރަނގަޅު 11 ބީލަން ވެރިން ކަމުގައި ކެލާ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
މުޅި ރާއްޖެއަށް އިޢުލާނު ކޮށްގެން ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިންތައް ތަރައްޤީ ކުރުމަށް ތިން އަހަރުގެ ގްރޭސް މުއްދަތު ލިބެއެވެ.
އެހެންނަމަވެސް އޭގެ ކުރިން ވެސް ޢިމާރާތްކޮށް ނިންމައި ތަން ހިންގަން ފެށުމާއެކު ކުލި ހިނގަންފަށާނެ ކަމުގައި ކެލާ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!